ޚަބަރު
ޤުރުއާން ކޯސްތަކުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ ފެންވަރު ކަނޑައަޅައިފި
ގުރުއާން ކޯސްތަކުގެ މިނިމަން ސްޓޭންޑަޑް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ކޮލެޖް/ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ގުރުއާނުގެ އިލްމުގެ ދާއިރާގެ ކޯސްތަކުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ ފެންވަރު ނުވަތަ މިނިމަމް ސްޓޭންޑަޑް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އިއްޔެ ލޯންޗުކޮށްފި އެވެ.

ގުރުއާނުގެ އިލްމުގެ މަތީ ތައުލީމުގެ ޕްރޮގްރާމްތަކުގައި ހުންނަން ޖެހޭ އެންމެ ދަށް މިންގަނޑު ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއެވެ.

މި ރަސްމިއްޔާތުގައި، ހަޔާ އެޑިއިކޭޝަން މިނިސްޓްރު ޑރ. އިބްރާހިމް ހަސަން އާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑާއި ސެޓްފިކެޓް ޕެނަލްގެ މެމްބަރުންގެ އިތުރުން ގުރުއާން ޕެނަލްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހމް ޙަސަން ވިދާޅުވީ މި ސަރުކާރުން އިސްލާމްދީނަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ނުގެންދާކަން ބައެއް ފަރާތްތަކުން ފާހަގަކުރިނަމަވެސް މިއަދުގެ ސަރުކާރުން ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ނޫރު އަބަދުވެސް ޙިމާޔަތްކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވަނީ މިއަދު ލޯންޗް ކުރި ސްޓޭންޑަޑް ގެ ސަބަބުން މަތީ ތަޢުލީމު ދޭ މަރުކަޒުތަކަށް ދިމާވާ ގޮންޖެހުންތަކާއި، ދަރިވަރުންނަށް ކުރިމަތިވާ އުނދަގޫތަކަށް ލުޔެއް ލިބިގެންދާކަން ފާހަގަކުރައްވާފައެވެ.

މިދިޔަ އޮކްޓޯބަރު މަހު އެމްކިޔުއޭއިން ނެރުނު ސާކިއުލާއެއްގައި ވާގޮތުން، ގުރުއާނުގެ ދާއިރާއިން ހިންގާ ކޯސްތަކުގައި ހުންނަން ޖެހޭ ދަށް މިންގަނޑު އެކަށައަޅަން ނިންމީ މަތީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ތެރެއިންނެވެ.

ކޮލެޖް/ޔުނިވަސިޓީ ތަކުގައި ގުރުއާނުގެ އިލްމު ހުންނަން ޖެހޭ ދަށް މިންގަނޑު ކަނޑައަޅަން ފާސްކޮށްފައި ވަނީ އެމްކިއުއޭ އިން ބޭއްވި އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުމުގައެވެ.

އެ މިންގަނޑު ކަނޑައަޅާފައި ވަނީ، ދަރިވަރުންގެ ފެންވަރާ މެދު އޮންނަ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ކުޑަކޮށް، މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދޭ މުގައްރަރުތައް އެއްގޮތް ކުރުމުގެ އިތުރުން މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދޭ މުއްދަތު އެއްވަރު ކުރުމާއި ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުމުގެ މަގުސަދުގައި ކަމަށް ސާކިއުލާގައިވެއެވެ.

ގުރުއާނުގެ ދާއިރާގެ ކޮލިފިކޭޝަންތައް ކަމުގައި ބަލާނީ ގާރީ، ގިރާއަތު ކޯހާއި ގުރުއާން ޓީޗިން ކޯސް އަދި އިމާމް ކޯހެވެ. މި މިނިމަން ސްޓޭންޑަޑް 6 ބަޔަކަށް ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ކޯ-މޮޑިއުލްތަކާއި ކޯ-މޮޑިއުލްތަކުގެ މުގައްރަރާއި މުއްދަތާއި ކްރެޑިޓް ޕޮއިންޓް ދޭނެ އަދަދާއި ޓީޗަރުންގެ ޝަރުތުތަކާއި އަދި ޕްރޮގްރާމްތަކަށް ވަދެވޭނެ ޝަރުތުތަކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު