ޚަބަރު
ހައިޝަމްއާއި ޒީހާން ޢުމުރަށް ޖަލަށް، މަރުގެ ދިޔަ 1.3 މިލިއަން ރުފިޔާ!
ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގެ ކުށުގައި ހ.އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގައި ކޯޓުން ވަނީ އެ ދެމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވޭނެ ކަމަށް ކަނޑައަޅާފައެވެ. އެހެން ނަމަވެސް މަރުގު ހުކުމް ދެ މީހުންގެ މައްޗަށް އިއްވާފައި ނުވަނީ ޔާމީންގެ ވާރިސުންގެ ތެރެއިން މަންމަ ގިސާސް ހިފަން ބޭނުން ނުވާތީއެވެ.

ޔާމީންގެ މަންމަ ގިސާސް ހިފަން ބޭނުން ނުވާތީ ކޯޓުން ވަނީ ހައިޝަމް އާއި ޒިހާން އުމުރަށް ޖަލަށް ލައި، 1.3 މިލިއަން ރުފިޔާ އެއް އަހަރު ތެރޭ ސިވިލް ކޯޓަށް ދެއްކުމަށް ހުކުމް ކޮށްފައެވެ.

ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރެވެ. މި ދެމީހުން ވެސް މި މައްސަލައިގައި ޖަލުގައި ހަތަރު އަހަރާއި 8 މަހާއި 11 ދުވަސް ހޭދަ ކޮށްފައިވާތީ އެދުވަސްތައް އުނިކޮށް ދެން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި 3 މަހާއި 19 ދުވަހެވެ.

އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވުމުން ވާރިސުންގެ ބަސް ނެގި އެވެ. ޔާމީންގެ މަންމަ، މަރިޔަމް ޝަފީގާ ކޯޓުގައި ބުނީ ގިސޯސް ހިފަން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ މަރުގެ ދިޔަ ކަމަށެވެ. ބައްޕަ ހުސެއިން ރަޝީދު ބުނީ ގިސޯސް ހިފަން ބޭނުންވާ ކަމަށެވެ.

ގާޒީ އާދަމް މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވެފައި ވާރިސުންގެ ތެރެއިބް އެކަކުވެސް ގިސޯސް ހިފަން ބޭނުންނުވާނަމަ އެ ހުކުމް ކަނޑަނޭޅޭނެ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ކަނޑައެޅޭނީ ގާނޫނީ އަދަބެއް ކަމަށެވެ.

ދެ މީހުންނަށް އިއްވި 25 އަހަރުގެ ޖަލުހުކުމުން އެމީހުން މިހާތަނަށް ބަންދުގައި ތިބި މުއްދަތު ވަނީ އުނިކޮށްފަ އެވެ. އެއީ ހަތަރު އަހަރާއި އަށް މަހާއި 11 ދުވަހެވެ. އެމީހުން ދެން ތަންފީޒުކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި 19 ދުވަހެވެ.

ޔާމީން މަރާލާފައި ވަނީ ނޮވެމްބަރު 2016 އިން ފެށިގެން ފާރަލުމަށް ފަހު އެވެ. އަނިޔާވެރިކޮށް ޔާމީން މަރާލާފައި އޮއްވާ ފެނުނު އިރު ބޮލާއި ކަރާއި މޭގައި ބޮޑެތި ޒަހަމްތަކެއް ހުއްޓެވެ. އެ ޒަހަމްތަކަކީ ތޫނު އެއްޗަކުން ދީފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭ ކަމަށް، މަރާލާފައި އޮއްވާ ޔާމީން އެންމެ ފުރަތަމަ ފެނުނު ޑޮކްޓަރު ޝަރީއަތުގައި ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު