ރައީސްގެ ލޯތްބެއް އެބައެއްގެ މައްޗަށް ލިބިގެން ނޫނީ ޕްރޮޖެކްޓެއް ނުހިނގާނެ: ގާސިމް
އަލީ ރާޒީ
26 ޖެނުއަރީ 2022 - 19:55
0 comments
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރާޝިދަށް ތާއީދުކޮށް ވާހަކަފުޅު ދައްކަވަނީ:
"އަޅުގަނޑު ގަބޫލުކުރަނީ އޭރެއްގެ ހުންނަ ރައީސުލްޖުމްހޫރިއްޔާއެއްގެ ލޯތްބެއް އެބައެއްގެ މައްޗަށް ލިބިގެން ނޫނީ އެއްވެސް ތަނެއްގައި އެއްވެސް ޕްރޮޖެކްޓެއް ނުހިނގާނެކަން،" --- މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ގާސިމް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް އެ ދާއިރާގެ ރައްޔިތުން ވޯޓު ހޯދުމަށް ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހް އިންތިޚާބުވެވަޑައިގަތީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުންކަން ފާހަގަކުރައްވައި ގާސިމް ވަނީ ރައީސް އެދިވަޑައިގަންނަވާ ކެންޑިޑޭޓް ހޮއްވައިވައި ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.ގާސިމް ވިދާޅުވީ، އެއިރެއްގަ ހުންނަވާ ރައީސުލްޖުމްހޫރިއްޔާއެއްގެ ރުހުމާއި ލޯބި ލިބިގެންމެނުވީ އެއްވެސް ތަނެއްގައި ޕްރޮޖެކްޓެއް ނުހިނގާނެ ކަމަށެވެ. އަދި ދާއިރާތައް ތަރައްގީވަނީ ރައްޔިތުންގެ މަޖިލީހުގައި ހުންނަ މެމްބަރެއްގެ ޗާޓަކުން ނުވަތަ ޕްލޭނަކުން ނޫން ކަމަށާއި އެކަންކަން ވާނީ ރައީސުލްޖުމްހޫރިއްޔާ ކޮށްދިނުމުން ކަމަށެވެ."އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދެއްވަންވީ ކުރިއަށް އޮތް ދެ އަހަރުގައި މި ދާއިރާގެ ރައްޔިތުންނަށް އަޅާލުމެއް އިހުސާންތެރިކަމެއް ނުވަތަ ޕްރޮޖެކްޓެއް ހިންގޭނީ ދިވެހި ސަރުކާރުގެ ރުހުމާއި ރައީސުލްޖުމްހޫރިއްޔާގެ ލޯތްބާއި އިހުލާސްތެރިކަމާ އޮވެގެން. އެއީ ރާއްޖޭގެ ހުރިހާ ދިމާލެއްގައި ވެސް ކަންވާނެ ގޮތް،" ގާސިމް ވިދާޅުވި އެވެ.ރަށްރަށް ތަރައްގީ ވަނީ މަޖިލީހުގެ މެންބަރުގެ ޕްލޭނަކުން ނޫން ކަމަށާއި ރަށްރަށް ތަރައްގީ ވަނީ ރައީސެއްގެ ވިސްނުމުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން އެހެން ޕާޓީތަކުން ދައްކާ ވާހަކައަކުން އަދި ދޭ ހަދިޔާއެއްގެ ސަބަބުން ވިސްނުން ބަދަލު ނުކުރައްވާ ސަރުކާރާއި އެއްގޮތަށް ވޯޓު ދެއްވުމަށް ގާސިމް ވަނީ އެދިލައްވާފައެވެ."އެބޭފުޅަކު (ރައީސަކު) ލަދުގަންނަވައިފިއްޔާ، ކަންތައްތައް ދެން ވާނެ ގޮތް ވިސްނާ ވަޑައިގަންނަވާ. އަޅުގަނޑު އެއް ގޮތަކަށް ވެސް އެހެން ހަދާނެ އެކޭ ނޫން. އެކަމަކު އަބަދުވެސް އެބަ އެނގޭ ދެއްގޯ މީހަކު ހިތުން ރުހުމުން ކޮށްދޭ ކަންކަން ވަރަށް ތަފާތު. އަދި ތަނަވަސްކަން. މީހަކު ހިތުން ރުހުމުން ކޮށްދީފާނެ ކޮންމެ ފަދަ ކަމެއްވެސް ދެއްތޯ" ގާސިމް މިއަދު ވިދާޅުވިއެވެ.ފާއިތުވި 15 ވަރަކަށް އަހަރު ވެސް ކޮމަންޑޫ ދާއިރާ ކާމިޔާބު ކުރީ އެމްޑީޕީން ކަމަށާއި އެ ދާއިރާއަށް ކުރިއެރުން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."މިއަދާ ހަމައަށް އައިއިރު ވެސް އެމްޑީޕީން މި ގޮނޑިއަށް މި ކުރިމަތިލީ ގޮނޑި މަދުވެގެނެއް ނޫން. އެހެންނަމަވެސް މި ދާއިރާގައި 15 އަހަރު މެމްބަރުކަން ކުރީ އެމްޑީޕީން. އެކަމަކު ވެރިކަން ކުރީ އެމްޑީޕީއަކުން ނޫން. 2008 ގައި ތިން އަހަރަށް އެމްޑީޕީ ވެރިކަންކޮށްފައި 2018 ގައި އަނެއްކާ ވެސް އެމްޑީޕީ އަށް މި ލިބުނީ. އެެހެންވީމަ ޝަކުވާ ކުރާނެ ޖާގައެއް މިދާއިރާއަކަށް ނެތް. ކުރިއެރުން ހޯދައިފި،" ގާސިމް ވިދާޅުވި އެވެ.ގާސިމް އިބްރާހިމް ހިމެނޭގޮތަށް ޖޭޕީގެ އިސް ބޭފުޅުންގެ ޓީމެއް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގަތީ އިއްޔެއެވެ.ރާޝިދުގެ ކެމްޕެއިނަށް ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފައި ވާއިރު، ޖޭޕީއަށް ނިސްބަތްވެވަޑައި ގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ މިފަހުން ރާޝިދުގެ ކެމްޕޭނަށް އެދާއިރާގެ ރަށްތަކަށް ވަޑައިގެންފައެވެ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ.ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ޝުއޫރު