ތ. ދިޔަމިނގިލީ ތިންކޮޅުފުށި ސަރަހައްދުގައި އެރަށު މުދިމަށް ވަޅިން ހަމަލާދީގެން ހައްޔަރުކުރި އޭނާގެ ގާތް ރަހުމަތްތެރިޔާ، އެރަށު ހަސަން ސާމިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުން މިއަދު ޕްރޮސެކިއުޓަރް ޖެނެރަލް(ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.
އެ ރަށު މަސްޖިދުލް އަމާނާތުގެ ވަގުތީ މުދިމު އަހްމަދު ރަޝީދު މުހައްމަދު 55، އަށް ވަޅިން ހަމަލަދިނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގަ އެވެ. އޭނާ އަށް ހަމަލާދިނީ ގާތް ރަހްމަތްތެރިއެއް ކަމަށްވާ ހަސަން ސާމިދު 35، އެވެ.ޝަރީއަތް ނިމެންދެން ސާމިދު ބަންދުކުރަން މަޑިފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މި މައްސަލައިގައި ދައުވާކޮށްދޭން އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.ރަޝީދަށް ހަމަލާ ދިން ސާމިދުއަކީ އޭނާގެ ރައްޓެއްސެއްވެސް މެއެވެ. އަދި އެ ހަމަލާ ދޭން ޖެހޭ ސަބަބެއް ހުދު ރަޝީދަކަށް ވެސް ނޭނގެއެވެ. އެ ހާދިސާގެ މަންޒަރު ސީސީޓީވީ ފުޓޭޖަކަށް ވެސް އަރައިފައިވާ އިރު އޭގެން ވެސް ފެންނަނީ ހަމަ ކުއްލިއަކަށް ހުރެލާފައި ވަޅިން ހަމަލާ ދޭ މަންޒަރެވެ.އެ ހާދިސާއަށް ފަހު ރަޝީދު ވަނީ ވަރަށް ބޮޑަށް ނަފްސާނީ ވެފައެވެ. ރަޝީދުގެ އާއިލާއިން ބުނީ އޭނާގެ ކަނާތު ފައި އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ކަމަށެވެ. އެ ފަޔަށް ވަޅި ހަރާފައި ނުވާއިރު އެހެން ދިމާވާން ޖެހުނު ސަބަބެއް އަދި ނޭނގެ ކަމަށް އާއިލާއިން ބުނެއެވެ.