ޚަބަރު
އެއާޕޯޓުން ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ދޫކޮށްލައިފި
ސިނގިރޭޓު ކާޓަންތަކެއް އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި ދެ މީހުން.-- ފޮޓޯ: ޕޮލިސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުން ހުއްދަ ނެތި ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރި މައްސަލައިގައި ފުލުހަކު ހިމެނޭހެން ދެ މީހަކު ރޭ ހައްޔަރުކުރި ނަމަވެސް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން ރޭ ދެ މީހުން ހައްޔަރުކޮށް، މިއަދު ކޯޓަށް ގެންދިޔުމުން ޝަރުތުތަކާ އެކު ވަނީ ދޫކޮށްލައިފަ އެވެ.

ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ކޯޓުން ދޫކޮށްލީ މ. ސިލްވާ ނެސްޓް، އަހުމަދު އަފްސަލް، 45 އަދި ދަފްތަރު ނަންބަރު ރސ 14358، މާލެ ޔޫސުފް ނަޒީރު، 38 އެވެ.

ފުލުހުން ބުނީ ވީއައިއޭގެ ޑިޕާޗާ ހޯލުން ހުއްދަ ނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވާ މައްސަލައެއް މޯލްޑިވްސް ކަސްޓަމްސް އިން އެ އިދާރާއަށް ހުށަހެޅީ އިއްޔެ ހެނދުނު 6:20 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ، މީގެ ތެރެއިން ނަޒީރަކީ ފުލުހެއް ކަމަށް ވާތީ، ރޭގައި ހައްޔަރު ކުރުމާ އެކު، ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އިޖުރާއަތުގެ ތެރެއިން މައްސަލަ ބަލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ދުންފަތާ ދެކޮޅަށް އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ސިނގިރޭޓުން ނަގައި ޑިއުޓީއާއި ފީތައް ވެސް ބޮޑުކޮށްފައިވާއިރު ސިނގިރޭޓުގެ އަގު ވަނީ ދެގުނަ ބޮޑުކޮށްފައެވެ. އަދި، ވޭޕް ވެސް މި ސަރުކާރުން ވަނީ މަނާކޮށްފައެވެ.

އެކަމަކު، ސިނގިރޭޓުގެ އަގު ބޮޑުވުމާ އެކު 'ވަގަށް' އެތެރެކޮށްގެން ސިނގިރޭޓު ވިއްކާކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު