ފަޒުލް އާއި ފަޒީލް ހިމެނޭހެން ހިފެހެއްޓި ޕާސްޕޯޓުތައް ދޫކޮށްލައިފި
މަރިޔަމް އަނާ
26 މާޗް 2025 - 11:57
0 comments
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް
ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލާގައި ޕާސްޕޯޓު ހިފެހެއްޓި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އެހެން މީހުންގެ ޕާސްޕޯޓު ދޫކޮށްލައިފި އެވެ.
ފަޒުލްގެ އިތުރުން ހައްގު ނޫން ގޯތި ލިބުނު އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.އޭރު ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ ބައެެއް ވެރިން ވެސް ހިމެނެ އެވެ.ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގަށް 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ. އޭގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓް ކުރިން ދޫކޮށްލާފައިވާއިރު، މިހާރު ހުރިހާ އެންމެންގެ ޕާސްޕޯޓް ވެސް ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ މި މައްސަލައިގައި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބައެއް ފަރާތްތަކުން ގޯތި ލިބުނުކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅައިގެން އެެ ފަރާތްތަކަށް އެ ބިންތަކުގައި ބައެއް މަސައްކަތްކުރުމުގެ ހުއްދަތައް އެޗްޑީސީން ދޫކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާކޮށްފައެއް ނުވެ އެވެ. ނަމަވެސް، މި ތަހުގީގު ނިމުނު ކަމެއް ނުވަތަ ކުރިއަށްދާ ކަމެއް ނުވަތަ ތަހުގީގާ ގުޅޭ އެ ނޫން އާ ތަފްސީލެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.މި މައްސަލާގައި ފުލުހުން ވަނީ ފަޒީލް އާ ސުވާލުކޮށް ފަޒުލް ދިރިއުޅޭ ގެ ވެސް ބަލައިފާސްކޮށްފަ އެވެ. އެޗްޑީސީގެ އެމްޑީކަމުން ފަޒުލް އިސްތިއުފާދިނީ މި މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށް ފުލުހުން ވަނީ 1.4 މިލިއަން ރުފިޔާ ހޯދާފަ އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ނުނިމެނީސް ފުލުހުން ވަނީ މިދިޔަ މަހު ތެރޭ އޭނާއާ އެ ފައިސާ ހަވާލުކޮށްފަ އެވެ
ކިޔުންތެރިންގެ ޝުއޫރު