ޚަބަރު
އައްމަޓީ ދޫކޮށްލަން ކުރި އަމުރަށް ހައިކޯޓުން ތާއީދުކޮށްފި
އަހުމަދު މޫސާ މުހައްމަދު
ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައިކޯޓުން ވެސް މިއަދު ތާއީދުކޮށްފިއެވެ.

ފްލެޓް އަޅައިދޭން އަހްމަދު މޫސާއަށް ގިނަ ބަޔަކު ދިން ފައިސާއަށް ހިޔާނާތްތެރިވި ކަމަސް ބުނެ އަންމަޓީއަށް ދައުވާ ކުރި މައްސަލައިގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން ވެސް ބަންދު ކުރީ ހައި ކޯޓުންނެވެ. ފަހުން ތިންވަނަ ފަހަރަށް ވެސް އަންމަޓީ ދޫކޮށްލި އެވެ.

މި ފަހަރު ވެސް ދައުލަތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން ކޯޓުން މިއަދު ނެރުނު ހުކުމުގައި ވަނީ ދަށު ކޯޓުން އަންމަޓީގެ ބަންދަށް ލުއިދޭން ނިންމީ ރަނގަޅަށް ކަމަށެވެ. އެ ގޮތުން އޭނާ ބަންދުން ދޫކޮށްލާފައިވަނީ އޭނާ ފިލައިގެން ނުދެވޭނެކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށް ހުކުމުގައިވެ އެވެ.

އަހްމަދު މޫސާގެ ޕާސްޕޯޓްއާއި ޓްރެވެލް ޑޮކިއުމަންޓް ހިފަހައްޓާފައިވެ އެވެ. މީގެ އިތުރުން ޕާސްޕޯޓްގެ މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކަށް ބަލާއިރު މީހަކު ބަންދުގައި ބަހައްޓާއިރު ބަލަން ޖެހޭ ދެކަމެއް އެބައޮތް ކަމަށް ހައިކޯޓުން ވިދާޅުވިއެވެ. އޭގެތެރެއިން އެއްކަމަކީ ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބާރު ލިބިދޭ ހެކި ހުރިކަން ނުވަތަ ނޫންކަން ކަމާއި، އެގޮތުން މި މައްސަލައިގައި އައްމަޓީގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އައްމަޓީ ކުރިކަން ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަން ހައިކޯޓުން ފާހަގަ ކޮށްފައި ވެއެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ޖަވާބު ހޯދަންޖެހޭ ދެވަނަ ސުވާލަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތެއް ވުޖޫދުވެފައިތޯ ކަމާއި، އެކަމަށްޓަކައި ބަލަންޖެހެނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާއަށް ކަމާއި، އެ މާއްދާގައި ބުނާ ކަންކަމުގެ ތެރެއިން ދައުލަތުން ތުހުމަތު ކޮށްފައިވަނީ އައްމަޓީ ފިލާފާނެ ކަމުގެ މައްޗަށް ކަމާއި، ނަމަވެސް މިހާރު އައްމަޓީ ފިލާފާނެކަމަށް ބެލެވޭނެ އެކަށީގެންވާ ހެއްކެއް ނުވަތަ ސަބަބެއް ދައުލަތުން ހުށަހަޅާފައިނުވާތީ، ދެވަނަ ސުވާލުގެ ޖަވާބަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތެއް ވުޖޫދުވެފައިވާކަމަށް ބެލެވެން ނެތް ކަމަށް ހައިކޯޓުން ވިދާޅުވިއެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ މިއަދު އިއްތިފާގުން ނިންމެވީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް އަންމަޓީ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި އުޅެނިކޮށެވެ.

އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ 30 މޭ ގައެވެ. މި މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ ކޮށްފައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ބެލެވޭކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު