
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސީލައިފާއި އެޗްޑީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި، އެޗްޑީސީން ސީލައިފަށް މިކަމާ ގުޅިގެން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފައިވާ ކަމަށެވެ.ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގައި އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި ސޮއިކުރީ މާޗު 13، 2014 ގަ އެވެ.ނަމަވެސް، ސީލައިފުން އެ އެއްބަސްވުމާ ހިލާފަށް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް، ކްރެޑިޓް ސުއީސްގެ ނަމުގައި ފޯޖްކޮށްފައިވާ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅައި، ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލާގައި އެޗްޑީސީން ސީލައިފްއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ޑިސެމްބަރު 24، 2018 ގައި ވަނީ ބާތިލުކޮށްފަ އެވެ.މި މައްސަލައިގައި ސީލައިފް އިން ކޯޓުގައި އެދިފައި އޮތީ އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެ ކުންފުންޏަށް ގެއްލުމުގެ ބަދަލު ދިނުމަށް، އެޗްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.