
ސީލައިފް ކުންފުނިން ފްލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ގިނަ ދައުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ.ކްރިމިނަލް ކޯޓުން މިއަދު ބުނީ އައްމަޓީގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން އަމުރުކުރީ އެހެން މީހަކު ޖާމިނު ކުރުމަށް ފަހު ރާއްޖެއިން ބޭރަށް ދާން އައްމަޓީގެ ފަރާތުން ހުށަހަޅާފައިވާތީ ކަމަށެވެ. އަދި އެކަމަށް ދައުލަތުން ވެސް ދެކޮޅު ހަދާފައިނުވާ ކަމަށް ކޯޓުން ބުންޏެވެ.އެހެންކަމުން ރާއްޖެއިން ބޭރަށް ފުރުމުގެ އިންތިޒާމް އިމިގްރޭޝަނުން ހަމަޖައްސައިދޭ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އައްމަޓީ ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ ދީފައިވާ ކަމަށް ކޯޓުން ބުންޏެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ރާއްޖެ އަންނަން ޖެހޭނެ ކަމަށް ކޯޓުން ބުންޏެވެ.އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފްލެޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.ސީލައިފް އެޕާޓުމެންޓު ވިއްކާނެކަމަށް ބުނެ 200އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު މައްސަލައިގައި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ.އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.