ޚަބަރު
ސިޔާސީ ބޭނުމަކަށް ދިވެހިން ބާކީ ނުކުރަން ނަޝީދު ގޮވާލައްވައިފި
ސިޔާސީ ވެރިންގެ ސިޔާސީ ބޭނުންތަކަށް ޓަކައި، ދިވެހިން ބާކީވާ ކަންކަން ނުކުރަން ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލައްވާފައި ވަނީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ އިންޑިއާ އައުޓް ކެމްޕެއިނަށް ފާޑު ވިދާޅުވެ، ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް ނުކުރުމަށް ސިޔާސީ ވެރިން ވިސްނަން ވާނެ ކަމަށާއި، އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކެމްޕެއިނެއް ނޫން ކަމަށެވެ. އެކަމުގައި ބައިވެރިވާ މީހުންގެ މަދުކަމުން އެއީ ރައްޔިތުންގެ ތާއީދު ނެތް ކަމެއްކަން ސާބިތުވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ސިޔާސީ ވެރިކަންގެ ސިޔާސީ ބޭނުމަށް ޓަކައި ދިވެހިން ބާކީވެ، ނިކަމެތި ވާނެ ކަންކަން ނުކުރުމަށް ހުރިހާ ސިޔާސީ ވެރިން ވިސްނަން ވާނެ. އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫން ކަމަށް ސާބިތު ވަނީ އެކަމުގައި ބައިވެރިވާ މީހުންގެ މަދު ކަމުން،" އަބަދުވެސް އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވަވާ ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގައި އޮތް ރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށާއި އިންޑިއާ 'އައުޓް' ކަމަށް ނުބުނެވޭނެ ކަމަށް މީގެ ކުރިން ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ

އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހަރަކާތެއް ކަމަށް ރައީސް ސޯލިހް ވަނީ ކަނޑައަޅުއްވާފައެވެ. އެ ގަރާރު ތަންފީޒު ކުރުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރުކުރުމުން "އިންޑިއާ އައުޓް" ކެންޕެއިނާ ގުޅުން ހުރި ކޮންމެ ހަރަކާތެއް އެ ދެ މުއައްސަސާއިން ދަނީ ހުއްޓުވަމުންނެވެ. އެ ކެމްޕެއިނާ ގުޅުން ހުރި ބެނާތަކާއި ދިދަތަކާއި ޕޯސްޓަރުތައް އަދި ލިޔުންތައްވެސް ދަނީ ނަގަމުންނެވެ.

މީގެ އިތުރުން އެއްވުންތަކާއި މުޒާހަރާތައްވެސް ހުއްޓުވައެވެ. 

ނަމަވެސް، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ހުރި ކަންކަމަށް އިންކާރު ކުރެ އެވެ. އެ ކޯލިޝަނުން ވަނީ ރައީސް ނެރުއްވި ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު އަދި ބާތިލް ގަރާރެއް ކަމުގައި ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު