ކުޅިވަރު
ރެއާޅްއިން ޗެމްޕިއަންސް ލީގު، 14 ވަނަ ފަހަރަށް ކާމިޔާބުކޮށްފި
ރެއާލްގެ ލަނޑު ޖެހި ވިނީޝިއުސް ޖޫނިއާ އުފާފާލު ކުރަނީ:
ލިވަޕޫލްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ރެއާޅްއިން ޕެރިހުގައި މިރޭ ކުޅެ ޗެމްޕިއަންސް ލީގު، 14 ވަނަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.

ރެއާލް އިން ވަނީ 59 ވަނަ މިނެޓުގައި އެޓީމުން މެޗުގައި އުފެއްދި ފުރަތަމަ ޝޮޓް ގޯލަކަށް ބަދަލުކޮށްލާ ލީޑު ނަގާފައެވެ. މި ލަނޑު ވަލްވާޑޭ ތިރިތިރިން ނަގައިދިން ހުރަހަކުން ކާމިޔާބުކުރީ ވިނީސިއަސް ޖޫނިއާއެވެ. މިއީ އޭނާ މި މުބާރާތުގައި ކާމިޔާބުކުރި ހަތަރު ވަނަ ލަނޑެވެ.  

މިރޭގެ މެޗަށް ނުކުތް އިރު، ތާރީހީ ގޮތުންވެސް ޔޫރަޕްގެ ރަސްކަން ކުރަމުން އަންނަ ޓީމަކީ ރެއާލް މެޑްރިޑެވެ. މެޗަށް ނުކުތް އިރު ރެއާލްއިން ޔޫރަޕްގެ ތަށި ރެކޯޑު 13 ފަހަރަށް ނަގާފައި އޮތް އިރު، ލިވަޕޫލުން އޮތީ ހަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. 

މިރޭގެ މެޗު ފަށައިގެން މޮޅަށް ކުޅެފައިވަނީ ލިވަޕޫލްއިންނެވެ. އެ ޓީމުން ވަނީ ބޯޅަ ހިފަހައްޓައިގެން ރެއާލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. ފުރަތަމަ ހާފުގައި ގޯލަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ރެއާލަށް އުފެއްދިފައެއް ނުވެއެވެ.

މިރޭގެ މެޗުގެ 21 ވަނަ މިނެޓުގައި ލިވަޕޫލުގެ ސާޑިއޯ މާނޭއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. ރެއާލްގް އޭރިއާ ތެރެއިން ބޯޅަ ހިފައިގެން އޭނާ ވަނުމަށް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ރެއާލްގެ ގޯލު ބަލަހައްޓަން ހުރި ތިބައުޓް ކޯޓޮއިސް އަތުގައި ޖެހިފައި ގޯލުގެއަރިމަތީ ދަނޑިއަށެވެ.

ރެއާލްގެ ގޯލާއެކު މެޗުގެ އޮއިވަރު ރެއާލް ކޮޅަށް ކޮންމެވެސް ވަރަކަށް އެނބުރު ނަމަވެސް ދެންވެސް ފެނުނީ ލިވަޕޫލްގެ ނުރައްކާތެރި ދެ ހަމަލާއެކެވެ. ދެ ހަމަލާވެސް ފެނުނީ ސަލާހުގެ ފަރާތުންނެވެ. ސަލާހު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއްގެ އިތުރުން އޭރިއާ ތެރޭގައި ހުރެ ބޮލުން ފޮނުވާލި ހަމަލާވެސް މަތަކުރީ ކޯޝުއާއެވެ.

އެ ހަމަލާތަކަށް ފަހުވެސް މެޗުގައި ގޯލު ޖަހަން ލިވަޕޫލަށް އިތުރު ފުރުސަތުތައް ލިބުނެވެ. އެ ހަމަލާތަކުގެ ހުރަހަކަށްވީވެސް މެޗުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުން ދިޔަ ބެލްޖިއަމްގެ ގޯލްކީޕަރު ކޯޝުއާއެވެ. ސަލާހު އަރިމަތިން ޖެހި ބާރު ހަމަލާއެއްގެ އިތުރުން ބަދަލަކަށް މެޗަށް ނުކުތް ރޮބާޓް ފިރްމީނޯ ޖެހި ބޯޅަވެސް ސޭވްކުރީ ކޯޝުއާއެވެ.

ރެއާލްއިން މެޗުގެ ފަހު ކޮޅުގައި ކައުންޓާއަށް ބޮޑަށް ވިސްނައިގެން ކުޅުނު އިރު، ލިވަޕޫލުން ގޯލަކަށް ބުރަކޮށް ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ރެއާލުން މެޗުގެ 42 ވަނަ މިނެޓުގައި ވެސް ގޯލެއް ޖެހިއެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓު ރެފްރީ ބެލުމަށް ފަހު މެޗުގެ ރެފްރީ ނިންމީ ބެންޒީމާ ޖެހި އެ ގޯލަކީ އޮފްސައިޑް ގޯލެއްކަމަށެވެ.

ރެއާލަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައޮވާ ޓީމެވެ. ރެއާލްގެ ފަހަތުން މި މުބާރާތް ދެވަނައަށް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ އޭސީ މިލާނުންނެވެ. އެ ޓީމުން ވަނީ ހަތް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި ލިވަޕޫލުން ވަނީ މިހާތަނަށް ހަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު