
މިކަން އިއުލާންކޮށް އެމްއެމްޕީއާރުސީގެ ރަސްމީ ބްރޭންޑު "ވިސިޓް މޯލްޑިވްސް" އިން ކުރި ޕޯސްޓުގައި ބުނީ މި އެއްބަސްވުމާއެކު ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މަތީ ފަންތީގެ ފުޓްބޯޅަ އެކުވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ލިވަޕޫލްގެ ސަޕޯޓަރުންނަށް ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށެވެ."ވިލުންތެރި މުސްތަގުބަލަކަށް މަސައްކަތްކުރާ، އަހަރުމެންގެ ވިސްނުމާ އެއްގޮތް، ލިވަޕޫލް ފަދަ މަޝްހޫރު ކްލަބަކާއެކު ޕާޓްނަޝިޕަކަށް ދެވުމަކީ ލިބިގެންދާ އުފާވެރި ކަމެއް. މިއީ ފަހަރުވެރި އެއްބަސްވުމެއް،" އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.ލިވަޕޫލް އެފްސީގެ ޗީފް ކޮމާޝަލް އޮފިސަރު ބެން ލެޓީ ވިދާޅުވީ އެ ކްލަބުގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި އެމްއެމްޕީއާރުސީ ހަމަޖެހިގެން ދިއުމުން ވަރަށް އުފާކުރާ ކަމަށެވެ.އޭނާ ވިދާޅުވީ ދެ ފަރާތުން ވެސް އަޒުމް ކަނޑައަޅާފައިވަނީ ވީހާ ވެސް ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ކުރުމަށް ކަމަށެވެ. ކުރިއަށް އޮތްތަނުގައި މުހިންމު ދާއިރާތަކުގައި އެހީތެރިވެދިނުމަށް އުފަލާ އެކުގައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.ލިވަޕޫލަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ފުޓުބޯޅަ ކްލަބެވެ. އެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ވޭތުވެދިޔަ ސީޒަންގައި ޖުމްލަ 471 މިލިއަން މީހުން އެ ކްލަބުގެ މެޗުތައް ބެލިއިރު، މި ޓްރެންޑް މި ސީޒަންގައި ވެސް އެ ކްލަބުން ދަމަހައްޓައެވެ.