
ވަކި ހާލަތްތަކެއްގައި މައުލޫމާތު ދިން މަސްދަރު ހާމަކުރަންޖެހޭ ގޮތަށް މާއްދާއެއް ހިމަނައި، ހެއްކާ ބެހޭ ބިލު މަޖިލީހުން ފާސްކުރީވެސް އެކަން ނުކުރުމަށް ރަސްމީކޮށް އެދުމުގެ އިތުރުން މަޖިލިސް ކައިރީ ނޫސްވެރިން މުޒާހަރާކުރަމުން ދަނިކޮށެވެ.މިދިޔަ ހޯމަ ދުވަހު ރައީސް އެ ބިލު ތަސްދީގުކުރެއްވުމުން އެކަން ކުށްވެރިކޮށް އައިޕީއައި އިން ކުރި ޓުވީޓެއްގައި ބުނީ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ގާނޫނު ހެދުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ."ނޫސްވެރިންގެ މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް، އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ގޮތަށް އޮތް ހެއްކާ ބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުން އައިޕީއައިއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަން" އެ ޖަމިއްޔާއިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.