ޚަބަރު
ޗާގޯސް މައްސަލައިގައި މަޖިލީހަށް އަނެއްކާވެސް ގަރާރެއް
ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު
ރާއްޖެއާއި މޮރިޝަސްގެ އިގުތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

ނާޒިމް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ޗާގޯސް ރަށްތަކުގެ ކަނޑުގެ ސަރަހައްދާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯރ ލޯ އެފް ދަ ސީސް އަށް ހުށަހަޅާފައިވާ މައްސަލާގައި 2010 އިން ފެށިގެން ރާއްޖެއިން ބޭނުންކުރަމުން އައި ވިސްނުމާއި ސިޔާސަތު ބަދަލުކޮށްފައިވާކަމަށް ބެލެވޭނެ ކަމެއް ހިންގާފައިވާ ކަމަށެވެ.

ނާޒިމް ހުށަހެޅި ޤަރާރުގައި އެދިފައިވަނީ އެ ސިޔާސަތު ބަދަލުކުރިނަމަ އޭގެ ވަށައިގެންވާ ސަބަބުތަކާއި، އެކަން ކޮށްފައިވަނީ ޤާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކުރުމަށާއި، އޭގެ ސަބަބުން ރާއްޖެއަށް ވާނެ ގެއްލުމާއި ފައިދާ ވަޒަންކޮށްދިނުމަށެވެ.

"... މި މައްސަލާގައި މީގެ ކުރިން މޮރިޝަސްއާ ދެކޮޅަށް، އިނގިރޭސިވިލާތާ އެއްކޮޅަށް ބައިނަލް އަގުވާމީ އިދާރާތަކުގައި ރާއްޖޭން ވޯޓުދިން ސަބަބަކީ މޮރިޝަސްގެ ހުށަހެޅުުން ކާމިޔާބުވެއްޖެ ނަަމަ ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުމުގެ ފުރުސަތު އޮތުން ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައި ވާތީއާއި ، ޗާގޯސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަން ދިވެހިންނަށާއި ރާއްޖޭގެ ގާނޫނުހަދާ މަޖިލީހަށް ނާންގަ[އެވެ]، ގަރާރުގައި ނާޒިމު ވިދާޅުވި އެވެ.

ޗާގޯސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުވިގޮތް ފުރިހަމައަށް ބަލައި، އެކަމުގައި ފައިސާއާއި ނުފޫޒު އޮތްތޯ، މަޖިލީހުން ހާއްސަ ކޮމިޓީއެއް ނަގައިގެން ބަލަން ވެސް ގަރާރުގައި އޭނާ ގޮވައިލެއްވި އެވެ.

ޗާގޯސް މައްސަލައިގައި މީގެ ކުރިން މަޑުއްވަރި ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު މީގެ ކުރިން ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އަދި ސަރުކާރު ހިންގާ ކޯލިޝަނުގެ މައިޕާޓީ އެމްޑީގެ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އެފަހަރު ވެސް ކުއްލި މައްސަަލައާ އެއްކޮޅަށް ވާހަކަ ދެއްކެވި އެވެ. ނާޒިމު މިއަދު ހުށަހެޅުއްވި ގަރާރަށް ވެސް ބަހުސްގައި އެ މެމްބަރުން ގެންދަވަނީ ތާއީދުކުރައްވަމުންނެވެ.

އެ ގާރަރަށް ބަހުސް ކުރައްވަމުން، ބައެއް މެންބަރުން ވިދާޅުވީ، އެގޮތަށް ސްޓޭންޑް ބަދަލުކުރަން ވާނީ ވެސް ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މަޖިލީހާ މަޝްވަރާ ކުރުމަށްފަހު ފާސްވާ ގޮތެއްގެ މަތިން ކަމަށާއި އެ ނިންމުމުގެ ނަތީޖާއަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުން ކަމަށެވެ. އެއީ، ޗާގޯސް އާއި ރައްޖޭގެ ބޯޑަރު ފުށުއަރާ ސަރައްހަދު ހަމަހަމައަށް ބަހާލުމެެވެ.

ވިލުފުށީ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން އަފީފް ވިދާޅުވީ، ރާއްޖެއަށް ގިނަވެގެން 200 ނޯޓިކަލް މޭލުގެ ސަރަހަދެއް ލިބެން އޮތުމުގެ ފުރުސަތު އޮންނަނާނީ ވެސް، މީގެ ކުރިން ރާއްޖެއިން ވަކާލަތު ކުރަމުން އައި ގޮތަށް ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ނޫން ކަމަށް ގަބޫލުކޮށްތިބުމުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އެކަން ކޮށްފައި އޮތީ، ދައުލަތަށް ނުވަތަ ރާއްޖެއަށް ނުވަތަ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަމަށް ވަންޏާ އެ ފޮނުއްވި ސިޓީ އަޅުގަނޑުމެންނަށް ހާމަކޮށްދެއްވާށޭ. މި ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްދެއްވާ،" އަފީފް ވިދާޅުވި އެވެ.

"މި މަޖިލީހުން ފާސްކުރި ނަމަ، އެއީ މައްސަލައެއް ނޫން. އެކަމަކު މަޖިލީހަށް ނުގެނެސް އެކަން ކުރެއްވީ ކީއްވެގެންތޯ..؟"

ކުރީގެ ތިން ބަންޑާރަނައިބުން ކަމަށްވާ ދިޔާނާ ސައީދާއި އާޒިމާ ޝުކުރޫ އަދި ޑރ. މުހައްމަދު މުނަވައްރު ވެސް ވަނީ ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމުން އެކަމަށް ފާޑުވިދާޅުވެފަ އެވެ. އެ ވާހާކަތަކަށް އިޝާރާތްކުރައްވައި، ހުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ، އެ ބޭފުޅުން އަދާކުރެއްވި މަގާމުގެ ހައިސިއްޔަތުން މި މައްސަލައިގައި ދައްކާފައިވާ ވާހަކަތައް ރައްޔިތުންނަށް ތިލަކުރުމުން، މިކަމުގައި އަސްލު ކަން ހިނގާފައިވާ ގޮތް އިތުރަށް ބަލަން ޖެހޭ ކަމަށެވެ.

މަޖިލީހާ މަޝްވަރާނުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުއްވުމުގެ ކަންބޮޑުވުން އިލްޔާސް ވެސް ފާޅުކުރެއްވި އެވެ. އަދި އެ ސީޓި ހާމަކުރުމަށް އުޒުރުވެ، ކަންކަން އޮޅުވާލަމުންދާ ކަމަށް ބުނެ، އެކި މީހުންގެ ބޮލުގައި ސަރުކާރުން އިލްޒާމް އަޅުއްވަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅެއްގައިވާ އެއްޗެއް، އަޅުގަނޑުމެން ރައްޔިތުންގެ މަންދޫބުންނަށް ސާފުވާން ޖެހޭ. އަޅުގަނޑު މިއަދު ގޮވާލަނީ އެ ސީޓީފުޅު ރިވޯކް [ބާތިލު] ކުރައްވާށޭ. ރިވޯކް ކުރެއްވުމަށް ފަހު، މަޖިލީހާ މަޝްވަރާކުރައްވާށޭ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ބައެއް މެންބަރުން މިގޮތަށް ގޮވާލެއްވިއިރު، އެ ޕާޓީއަށް ނިސްބަތްވާ އެހެން މެމްބަރުން ވިދާޅުވީ، ބައެއް މެންބަރުން މަސައްކަތް ކުރަނީ މި މައްސަލަ އޮޅުވާލަން ކަމަށެވެ. އަދި މި ސަރުކާރުން ރައްޔިތުންނަށް ގެއްލުންވާ ގޮތައް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.

ޗާގޯސް މައްސަލައިގައި ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އިތުރުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ރައްޔިތުންގެ މަޖިލީހަށް ހޯދުމަށްއެދި މައްސަލައެއްވެސް މަޖިލީހަށް ހުށަހަޅާފައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު