ޚަބަރު
މަސައްކަތް މި ކުރަނީ ކޮންމެ ފަރުދަކަށް ރަނގަޅު ފަނޑިޔާރެއް ހޯދައިދޭން: ހިސާން
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަސައްކަތް ކުރަމުން ދަނީ ކޮންމެ ފަރުދަކަށް ވެސް ރަނގަޅު ފަނޑިޔާރެއްގެ ހައްގު ހޯދައިދޭން ކަމަށް އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ހިސާން މިފަދައިން ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީ ހިނގަމުންދާ ގޮތް ޒުވާނުންނަށް ތަޖުރިބާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "ޖުޑިޝަރީ ފޮ ޖޫނިއާސް" ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޙިސާން ވިދާޅުވީ، ކޯޓުތަކޭ ބުނުމުން ކޮންމެ މީހަކަށް ވެސް ބަޔަކު ކުށެއް ކޮށް އެކަމުން ސަލާމަތް ނުވެގެން އުޅޭއުޅުން ސިފަވީ ނަމަވެސް، އެތަނަކި އަދުލު އިންސާފުގެ ތަނެއް ކަމަށެވެ.

އެގޮތުން ނާއިންސާފުން ތިމާގެ ޙައްޤެއް ގެއްލިދާ ކޮންމެ ވަގުތަކީ ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހަންޖެހޭ ވަގުތެއް ކަމަށާއި، މިފަދަ ކޮންމެ ޙާލަތެއްގައި، އަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމަދޭނެ ފަނޑިޔާރުން ތިބިކަން ޔަޤީންވުމަކީ ކޮންމެ މީހަކުވެސް އެދޭނެ ގޮތް ކަން ޙިސާން ފާހަގަކުރެއްވިއެވެ.

ޖޭއެސްސީން މަސައްކަތް ކުރަމުން އަންނަނީ އެއިން ކޮންމެ މީހަކަށް ވެސް ލިބެން ޖެހޭ ހައްގުތައް ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއިން ވެސް އެންމެ މުހިންމު ހައްގަކީ ރަނގަޅު ފަނޑިޔާރެއް ލިބުމުގެ ހައްގުކަން ހިސާން ފާހަގަ ކުރެއްވި އެވެ.

"ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ، ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހާލަން ޖެހޭ ވަގުތެއް، މިފަދަ ކޮންމެ ހާލަތެއްގައި، އަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމަދޭނެ ފަނޑިޔާރުން ތިބިކަން ޔަގީންވުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ގޮތް،" ހިސާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރުގެ ހައިސިއްޔަތުން އެ ކޮމިޝަންގައި އިންނަވާ ހިސާން ވިދާޅުވީ ކޮމިޝަންގެ މަސައްކަތަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ކޮމިޝަންގެ ވާޖިބު އަދާކުރަމުންދާނެ ކަން ޔަގީންކުރާނެ ކަމަށެވެ.

"ތައުރީފާއި، ފާޑުކިޔުމުގެ ތެރެއިން، ކުރާ އުނދަގޫ މަސައްކަތެއް، ނަމަވެސް އަޅުގަނޑުމެން ކުރާ މަސަތްކަތް ކުރަނީ، ކޯޓު ކުރިމަތީ ހުއްޓޭ ކޮންމެ ފަރުދަކީ ވެސް އިންސާފުވެރި، އަދުލުވެރި ފަނޑިޔާރެއް ހައްގުވާ މީހެއްކަމަށް ވާތީ،" ހިސާން ވިދާޅުވި އެވެ.

ޔޫ.އެން.ޑީ.ޕީ.އާ ޖޭ.އެސް.ސީން ގުޅިގެން ފަށާފައިވާ މި ވޯކްޝޮޕަށް އަލިއަޅުއްވާލައްވާ ޙިސާން ވިދާޅުވީ، މި ވޯކްޝޮޕަކީ ކުދިންނަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ. އަދި މި ވޯކްޝޮޕް ނިމޭއިރު ކުދިން މި ދާއިރާއަށް ޝައުގުވެރިކަން އިތުރުވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ޙިސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު