ކުޅިވަރު
ބޭލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި
ޓޮޓެންހަމް ހޮޓްސްޕާސް އާއި ރެއާލް މެޑްރިޑަށް ކުޅުނު ވޭލްސްގެ ތަރި ގަރެތު ބޭލް، އުމުރުން 33 އަހަރުގައި ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.

ބޭލް އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ 2006 ވަނަ އަހަރު ސައުތެމްޕްޓަން އިންނެވެ. އޭގެފަހުން ޓޮޓެންހަމަށް ބަދަލުވެ އެ ކްލަބުގައި ހަ އަހަރު ހޭދަކުރުމަށްފަހު ބޭލް 2013 ވަނަ އަހަރު ބަދަލުވީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑެވެ. ބޭލްގެ ކެރިއަރުގައި އެންމެ ގިނަ ކާމިޔާބީތައް ހޯދީ ރެއާލްގަ އެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ލީގު 3 ފަހަރު، ޗެމްޕިއަންސް ލީގު 5 ފަހަރު، ޔޫއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ތިން ފަހަރު ހޯދާފަ އެވެ.

ރެއާލްގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ނުލިބޭތީ 2020 ވަނަ އަހަރު ލޯނެއްގެ ދަށުން އޭނާ ވަނީ އެއް އަހަރު ދުވަހަށް ޓޮޓެންހަމަށް އަނބުރާ އައިސްފަ އެވެ. ބޭލްގެ ކެރިއަރުގައި އެންމެފަހުން ކުޅުނީ އެމެރިކާ ލީގުގެ ލޮސް އެންޖެލެސް އެފްސީ އަށެވެ. އެޓީމާއެކު އޭނާ ވަނީ މިދިޔަ ސީޒަނުގެ އެމްއެލްއެސް ކަޕް ހޯދާފަ އެވެ.

ވޭލްސް އިން 64 އަހަރަށް ފަހު، ފީފާ ވޯލްޑް ކަޕެއްގައި ކުޅުނު ޓީމުގެ ކެޕްޓަންކަން ކުރި ބޭލް އަކީ 2016 ވަނަ އަހަރުގެ ޔޫރޯގެ ސެމީ އަށް ވޭލްސް ދަތުރުކުރިއިރު، ޓީމުގެ ތަރި އެވެ. ކެރިއަރު ނިންމާލިއިރު، ބޭލް އަކީ ވޭލްސް އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ.

ވޭލްސްގެ ގައުމީ ޓީމަށް 111 މެޗު ކުޅެދީ 41 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ގައުމީ ޓީމުގެ ލެޖެންޑް ބޭލް ރިޓަޔާކުރިކަން މިއަދު އިއުލާން ކުރަމުން ދެ ޕޯސްޓެއް ކޮށްފައިވެއެވެ. ފުރަތަމަ ގައުމީ ޓީމަށް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ގައުމީ ޓީމުން ރިޓަޔާކުރުމަކީ "ކެރިއަރުގައި ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން،" ކަމަށާއި ގައުމީ ޓީމުގެ ޖާދުވީ އިހުސާސްތައް ބަޔާން ކޮށްދޭނެ ގޮތެއްވެސް ނޭނގޭ ކަމަށެވެ.

ބޭލް އިތުރަށް ބުނީ ގައުމީ ޖާޒީގައި ކުޅުމަކީ އޭނާގެ ހަޔާތް ބަދަލުކޮށްލި ކަމެއް ކަމަށާއި ވޭލްސްގެ ކެޕްޓަން ކަން ކުރަން ލިބުމަކީ ފުޓުބޯޅަ ކެރިއަރުގައި ލިބިގެންދިޔަ އެންމެ ބޮޑު އެއް ޝަރަފު ކަމަށެވެ.

"ގައުމީ ޓީމެއް ކުޅެން ލިބުމަކީ އަހަރެންގެ ހަޔާތް ބަދަލުވުމުގެ އިތުރުން މީހާ މީހަކަށް ވެގެންދިޔަ ސަބަބު. ވޭލްސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުމަކީ އަހަންނަށް ކެރިއަރުގައި ބަޔާންކޮށްދޭން ނޭނގޭ، ވަރުގަދަ ބޮޑު ޝަރަފެއް. ގައުމީ ޓީމުން އެތަކެއް ތާރީހެއް ލިޔެލި އިރު، އެކަމުގައި ބައިވެރިވެވުމަކީ އަހަންނަށް ލިބުނު އުފަލެއް،" ބޭލް ބުންޏެވެ.



ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު