ޚަބަރު
ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރަން ފަރެސްމާތޮޑާއިން ވެލި ނަގާތީ ނުރުހިއްޖެ!
ގދ. ފަރެސްމާތޮޑާ: އެ ރަށުން ނަގާ ވެލި ފުވައްމުލަކަށް ގެންދާތީ ކައުންސިލް ވަނީ ނުރުުހިފައި --
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް ގދ. ފަރެސްމާތޮޑާއާ ގުޅިފައިވާ ހިސާބަކުން ވެލި ނަގާތީ އެ ރަށު ކައުންސިލުން އެކަމާ ނުރުހިއްޖެއެވެ.

ފަރެސްމާތޮޑާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް، ފަރެެސްމާތޮޑާ އާއި ގުޅިފައިވާ ހިސާބަކުން ވެލި ނަގަނީ އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދަ ވެސް ނެތި ކަމަށެވެ. އީޕީއޭގެ ގަވާއިދާ ހިލާފަށް ކުރާ އެކަންތައް ހުއްޓައިލަން ގޮވައިލާ ކަަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...އަދި ހަމަ މިއާ އެކު މިހާރުން މިހާރަށް މިކަން ހުއްޓުވައިދިނުމަށް ކަމާ ގުޅުން ހުރި އެންމެހައި ފަރާތްތަކަށް ދަންނަވަން،" ފަރެސްމާތޮޑާ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގާ މަޝްރޫއަށް ބޭނުންވާ ވެލި ފަރެސްމާތޮޑާއާ ގުޅޭ ސަރަހައްދަކުން ނެގުމަށް އީޕީއޭއިން ހުއްދަ ދީފައި ނުވާ ކަމަށެވެ. 

"...ގަވާއިދާ ހިލާފަށް ކޮންނަ ކޮނުން ކުށްވެރިކޮށް، ވަގުތުން ހުއްޓާލުމަށް ފަރެސްމާތޮޑާ ކައުންސިލުން ގޮވާލަމެވެ،" ބަޔާނުގައި ވެ އެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޑެންމާކްގެ ހޯގާޑް ކުންފުންޏާ އެވެ. އެއީ މިހާރު ރާއްޖޭގެ ރަށެއްގައި ހިންގާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެންމެ ބިޔަ ޕްރޮޖެކްޓެވެ. ދިވެހި ސަރުކާރާއި ނެދަލަންޑް އަދި ކުވެއިތު ސަރުކާރުން ފަންޑުކޮށްގެން ހިންގާ އެ މަޝްރޫއުއަށް 422 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.

އެ މަޝްރޫއުގެ ދަށުން ފުވައްމުލަކު ބަނދަރުގެ އުތުރުން ފެށިގެން، ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ހަދަން ނިންމާފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު