ޚަބަރު
އިދިކޮޅުގެ ހިތުގައި އޮތީ ބަޣާވާތްކުރަން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު:
ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދެއްކިޔަސް، އެ ބޭފުޅުން ހިތުގައި އަސްލު އޮތީ ބަޣާވާތްކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ އާދީއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ފުވައްމުލަކު ސިޓީގެ ތިން ދާއިރާއަށް ވާދަކުރާ ޕީއެންސީ ކެނޑިޑޭޓުންގެ ކެމްޕޭނު ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ރައީސް ރޭ ވިދާޅުވީ މިހާރު އޮތް އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން އެތައް ފިއްތުންތަކެއް ފިއްތަމުންދާ ކަމަށެވެ.

އޭގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސް ތަކެއް އެޅިގެން ދިޔަ ނަމަވެސް ސަރުކާރުގެ މަސައްކަތުން މަދު ދުވަސްކޮޅުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ މެޖޯރިޓީ ނަގަން ބޭނުންވާ ހަމައެކަނި ސަބަބަކީ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވަން ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން ކުރީގައި ޖަވާބުދާރީކުރުމުގެ ވާހަކަ ދެއްކިޔަސް، ފަހުން އެ ވާހަކަ އަސްލު އެ ބޭފުޅުންގެ ހިތުގައި އޮތް ގޮތަށް މިހާރު ބޭރުކުރަނީ. ސަރުކާރު ބަދަލުކުރަން، ބަޣާވާތް ކުރަން، އަޒުލުކުރަން މިކަހަލަ ލަފުޒުތައް" ރައީސް ވިދާޅުވިއެވެ.

މިއީ ޑިމޮކްރަސީގެ ހަމައެއް ނޫންކަން އެންމެނަށް ވެސް އެނގޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ހަމަނުޖެހުމުގެ ތެރެއަށް ގައުމު ދޫކޮށްލަން ފުރުސަތުދީގެން ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިދިކޮޅަށް މެޖޯރިޓީ ދީގެން ގައުމު ހަމަނުޖެހުމުގެ ތެރެއަށް ދޫކޮށްލަން ބޭނުންފުޅު ނުވާ ކަމަށެވެ. ފާއިތުވާ ކޮންމެ ދުވަހަކީ ސަރުކާރާ މަޖިލީހާ ކޯޅުންތައް ކޯޅި، ރައްޔިތުންނަށް އޭގެ ގެއްލުން ލިބޭ ކަމަކަށް ވެގެން ދިއުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑިމެން ވެގެން ނުވާނެ ރައްޔިތުންގެ މަޖިލީހަށް ހޮވާ މެމްބަރުންނަކީ މިދެންނެވި ވިސްނުމުގަ ތިބި މީހުންނަށްވީމަ ދެން މިވާގޮތް ވިސްނާލީމަ އެބަ އެނގޭ ވާން އުޅޭނެ ގޮތަކީ ކޮބައިކަން. މި ހީވަނީ ވާދަމަން އުޅޭ ހެން، ވަލެއްގަ އެއްކޮޅުގަ މަޖިލީސް، ސަރުކާރު އަނެއްކޮޅުގަ އޮވެގެން ދަމަނީ، ވަލަކީ ރައްޔިތުން. ދެން ދަމާ ދަމާ ވާކަނޑައިގެން ދިޔައީމަ ރައްޔިތުން ނޫންތޯ ބިކަވެ ހުރިހާ ދެރައެއް މިލިބެނީ،" ރައީސް ވިދާޅުވި އެވެ.

 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު