ޚަބަރު
ފުވައްމުލަކުގައި ކަރަންޓު ކަނޑާ މައްސަލަ މަޖިލީހަށް
ފުވަމުލަކުގައި ޓްރާންސްފޯމަރެއް ފަޅައިގެން ގޮސް، ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ-- ފޮޓޯ/ފެނަކަ
ފުވައްމުލަކުން ކަރަންޓް ކަނޑާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީ އަށް ހުށައަޅައިފި އެވެ.

ފުވައްމުލަކު މެދުދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން މުޙައްމަދުދީދީ ހުށަހެޅުއްވި މައްސަލައިގައިވަނީ، އެ ސިޓީގައި ކަރަންޓު ޚިދުމަތް ދިނުމަށް ބޭނުންކުރާ ޖެންސެޓެއްގައި މިދިޔަ މަހުގެ މެދު ތެރޭގައި މައްސަލަ ޖެހުނު ކަމަށެވެ. އޭގެ ސަބަބުން ފެނަކައިން އަންނަނީ، މިމަހުގެ އެގާރައިން ފެށިގެން އެކި ވަގުތުތަކުގައި ފުވައްމުލަކުން ކަރަންޓު ކަނޑަމުން ކަމަށް އެ މައްސަލައިގައިވެއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންނަށް ކަށަވަރު ކޮށްދޭންޖެހޭ އެންމެ އަސާސީ އެއް ޚިދުމަތް މެދުކެނޑި، މައްސަލައަށް ހައްލު ނުހޯދި ދިގު މުއްދަތަކަށް ދެމިގެންދިއުމަކީ ފުވައްމުލަކުގެ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން އެ ސިޓީގެ ރައްޔިތުން ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހިފައިވާއިރު، ޖެންސެޓަށް ދިމާވި މައްސަލަ ހައްލު ނުކުރެވި ދޮޅުމަސް ހޭދަވެފައިވާކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

"ކަރަންޓް ހިދުމަތް ރަށުގެ އެކި ހިސާބުތަކުން މެދުކަނޑަން ފެށުމުގެ އެތައް ދުވަހެއް ކުރީން ވެސް ފެނަކަ ކުންފުންޏަށް ޖެންސެޓަށް މައްސަލަ ދިމާވެފައިވާކަން އެނގިތިބެ އަދި ފެނަކައިގެ ބެލުމުގެ ދަށުގައި ބޭނުންނުކުރާ ޖެންސެޓް ހުރެމެ މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ފެނަކައިގެ މެނޭޖްމަންޓުން ކުރަމުންދާ ކަމަށް ފުވައްމުލަކުގެ ރައްޔިތުންނަށް ގަބޫކު ކުރަން ދައްޗެވެ،" އެ މައްސަލާގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ ތަކުލީފުތަކަށް ހައްލެއް ނުހޯދި ލަސްވަމުންދާ ދިއުމަކީ ފެނަކައިގެ އިހުމާލުން ދިމާވި ކަމެއް ކަމަށް ދެކޭތީ އެ މައްސަލަ ބަލައި ދިނުމަށް ވަނީ އެދިފަ އެވެ.

ފުވައްމުލަކުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ދިމާވާ މައްސަލަތަކާ ގުޅިގެން ފެނަކައިން މީގެ ކުރިން ނެރުނު ބަޔާނެއްގައިވަނީ އެފަދަ މައްސަލަތައް ދިމާވަނީ، ނިމިދިޔަ އަހަރުތަކުގެ ތެރޭގައި ޖަނަރޭޓަރުތަކުގެ މެއިންޓެނަސް މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށެވެ. 

އެ ކުންފުނިންވަނީ، އެ މައްސަލަ ހައްލުކުރެވޭ ވަރުގެ ޖަނަރޭޓަރެއް ރާއްޖޭގައި މި ވަގުތު ވިއްކަން ނެތުމުން ގަންނަން ލިބިފައިނުވާ ކަމަށް ވެސް ބުނެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު