ޚަބަރު
ނަރުހުންނަށް ވާން ވިލާ އިން ސްކޮލަޝިޕް ދެނީ
ވިލާ ފައުންޑޭޝަނާއި ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާގެ އިސްވެރިން. -- ފޮޓޯ: ވިލާ ފައުންޑޭޝަން
ވިލާ ގްރޫޕްގެ ސީއެސްއާރު ގޮފި ކަމަށްވާ ވިލާ ފައުންޑޭޝަނުން ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާއި ގުޅިގެން ނަރުހުންނަށް ހާއްސަކޮށްގެން އާ ސްކޮލަޝިޕް ސްކީމެއް ތައާރަފްކޮށްފި އެވެ.

އެ ސްކޮލާޝިޕަކީ ނާސިން ޑިޕްލޮމާއަށް ކިޔެވުމަށް އެޕްލައި ކުރާ ދަރިވަރުންނަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. އެ ސްކޮލާޝިޕް ސްކީމްގެ ދަށުން ދަރިވަރުންނަށް އަހަރަކު ތިން ސްކޮލަޝިޕް ދޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ދޭ ދެ ސްކޮލާޝިޕާއި ފިރިހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ދޭ އެއް ސްކޮލަޝިޕް ފުރުސަތެވެ.

ވިލާ ފައުންޑޭޝަނުން ބުނި ގޮތުގައި އެ ސްކީމް ރަސްމީކޮށް ފަށާނީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ މި މަހުގެ 12 ވަނަ ދުވަހު އެވެ.

މި ފަދަ ސްކޮލަޝިޕެއް އެ ފައުންޑޭޝަނުން ތައާރަފް ކުރީ ވިލާ ފައުންޑޭޝަނުން ނަރުހުން ކުރާ މަސައްކަތް ފާހަގަކޮށް، ރާއްޖޭގައި ދެން އަންނަ ޖީލުގެ ނަރުހުންނަށް އެހީތެރިވުމުގެ ގޮތުން ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ.

ވިލާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ހަމީދު ވިދާޅުވީ ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާއި ގުޅިގެން މި ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ނަރުހުންނަކީ ސިއްހީ ނިޒާމުގެ މުހިންމު ބައެއް، އަދި އަޅުގަނޑުމެންގެ މުޖުތަމައުގައި ނަރުހުންގެ ދައުރަކީ ނުހަނު މުހިއްމު ދައުރެއް. މި ސްކޮލަޝިޕް ސްކީމުގެ ސަބަބުން ނަރުސްކަން ކިޔަވަން ބޭނުންވާ ދަރިވަރުނަށް އު ފުރުސަތު ފަހިވެ ރާއްޖޭގެ ސިއްހީ ދާއިރާއަށް އަގުހުރި މަސައްކަތެއް ކޮށްދެވޭނެ ކަމަށް އުންމީދު ކުރަން،" މުހައްމަދު ހަމީދު ވިދާޅުވި އެވެ.

ވިލާ ފައުންޑޭޝަނުން ބުނި ގޮތުގައި ނަރުހުންނަކީ ސިއްހީ ދާއިރާއަށް މެދުކެނޑުމެއްނެތި މިންނެތް މަސައްކަތް ކުރަމުން އަންނަ ބައެކެވެ.

ހޮސްޕިޓާ އަދި ކްލިނިކްތަކުގައި ބަލިމީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި އެތަކެއް ގަޑިއިރު ހިދުމަތުގައި ނަރުހުން ތިބޭއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޑޮކްޓަރުންނާއެކު އެންމެ ކުރީ ސަފުގައި ނަރުހުން މަސައްކަތްކޮށްފައިވާކަން ވިލާ ފައުންޑޭޝަނުން ފާހަގަކުރެ އެވެ.

ވިލާ ފައުންޑޭޝަނާ ގުޅިގެން މި ސްކޮލަޝިޕް ސްކީމް ތައާރަފު ކުރުމަކީ ލިބޭ އުފަލެއް ކަމަށް ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޝިފާނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ނަރުހުންގެ ތައުލީމަށް އިންވެސްޓްކުރުމަކީ ރާއްޖޭގައި ސިއްޙީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއް،" މަރިޔަމް ޝިފާނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
50%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު