
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް މި ގޮތަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީން މިއަދު އާންމުކުރި ވީޑިއޯ މެސެޖެއްގަ އެވެެ. އެ ވީޑީއޯ މެސެޖްގައި، ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިން އަދި މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ވަގުތު ކުޑަތަން ވަމުން އަންނައިރު، އޭގެ މާ ކުރިން އެކަމާ ތެޅިގަނެގެން ކަންކަން ކުރުމުގެ ވިސްނުމެއް އޭނާ ނުގެންގުޅުއްވަ އެވެ. ނަމަވެސް، އޭނާގެ ޕާޓީން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ."އަޅުގަނޑުމެން ކެންޑިޑެސީ ލީމަ، ބަލައިގަންނަ ކަމެއް، ނުގަންނަ ކަމެއް ވެސް އެނގޭނީ ލީމާ. އެހެންވީމާ، އޭގެ މާ ކުރީގައި، ކޮންމެހެން މާ ބާރަށް ތެޅެން ނޫޅެވިފައި މި ހުންނަނީ. އެއީ، ކޮންމެހެން ޔަގީންކަން ނެތީމާއެއް ނޫން، ޔަގީންކަން އެބައޮތް،" ޕާޓީން ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތްތަކުން ނުފެންނާތީ ފާޑުކިޔުން އަމާޒުވެފައިވާ ގާސިމް ވިދާޅުވި އެވެ.އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް ނިންމީ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.