ޚަބަރު
ދެވަނަ ބުރަށް ނިންމާގޮތެއް ވަރަށް އަވަހަށް ހާމަކުރާނަން: ގާސިމް
ރިޔާސީ އިންތިހާބުން ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ގައުމުގެ އިސްލާހަށް ޖުމްހޫރީ ޕާޓީން ކުރަމުންދާ މަސައްކަތުގައި ދެމި ތިބޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނެއްގައިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް ވޯޓުދެއްވި ފަރާތްތަކަށާއި ކެންޕޭނުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެެ.

ޖޭޕީގެ ބަޔާނުގައި ބުނެފައިވަނީ އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ޤައުމުގެ އިސްލާހަށާއި، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.

"އަދި މިވަގުތު ޤައުމުގެ މަޞްލަޙަތަށްޓަކައި އިންތިޚާބުގެ ދެވަނަ ބުރާ ދޭތެރޭ ޖުމްހޫރީ ޕާޓީން ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، ވަރަށް އަވަހަށް އިޢްލާން ކުރާނޭ ވާހަކަ ޕާޓީގެ ލޮބުވެތި މެންބަރުންނާއި، ޕާޓީއަށް ތާއީދު ކުރައްވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ." ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމަށް ވޯޓު ދެއްވި އެންމެންނަށް އެޕާޓީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ރިޔާސީ އިންތިހާބުގައި ގާސިމަށް ލިބިވަޑައިގަތީ 5،523 ވޯޓެވެ.

މިއީ، ރިޔާސީ އިންތިހާބުގައި ގާސިމަށް އެންމެ މަދުން ވޯޓު ލިބުނު ފަހަރެވެ. އެންމެ ފުރަތަމަ ބޭއްވި އިންތިހާބުގައި ޖޭޕީގެ ލީޑަރަށް 27،056 ވޯޓު (15.32 ޕަސެންޓް) ލިބިވަޑައިގަތެވެ. އޭގެ ފަހުން، 2013 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ގާސިމަށް 48،131 ވޯޓު (23.34 ޕަސެންޓް) ލިބިވަޑައިގަތެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު