ކުޅިވަރު
ކެނެޑާ އަތުން 6-0 އިން ގަތަރު ބަލިވެއްޖެ
ކެނެޑާގެ ފުރަތަމަ ގޯލަށް ފަހު އުފާ ކުރަނީ - ފޮޓޯ: ޕްރޮފިމީޑިއާ
ޔުވެންޓަސް އަށް ކުޅެމުން އަންނަ ޖޮނަތަން ޑޭވިޑްގެ ހެޓްރިކަކާ އެކު ނުވަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ގަތަރު 6-0 އިން ބަލިކޮށް މުބާރާތުގެ ކޯ ހޯސްޓް ކެނެޑާ، ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅު ވެއްޖެ އެވެ.

މި މެޗުގެ 16 ވަނަ މިނެޓްގައި ކައިލް ލެރިން ކެނެޑާއަށް ލީޑު ނަގައިދިންއިރު، މެޗުގެ 29 ވަނަ މިނެޓްގައި ޖޮނަތަން ޑޭވިޑް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މެޗުގެ 33 ވަނަ މިނެޓްގައި ގަތަރުގެ ހޮމާމް އަހުމަދަށް ރަތްކާޑު ދެއްކިއިރު، މިއީ ކެނެޑާގެ ކުޅުންތެރިއަކަށް އޭރިއާގެ ބޭރުން ކުރި ފައުލަކާއި ގުޅިގެން ދެއްކި ރަތްކާޑެކެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖޮނަތަން ޑޭވިޑް ކެނެޑާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، ދެވަނަ ހާފްގެ ކުރީކޮޅު ގަތަރުގެ އާސިމް މަޑިބޯ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 9 ކުޅުންތެރިންނާއެކު އެވެ. މިއީ ކެނެޑާގެ އިސްމާއިލް ކޯނޭއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ދެއްކި ރަތްކާޑެކެވެ.

ކެނެޑާގެ ހަތަރުވަނަ ގޯލު މެޗުގެ 64 ވަނަ މިނެޓްގައި ނޭތަން ސަލީބާ ކާމިޔާބުކުރިއިރު، އެޓީމުގެ ފަސްވަނަ ގޯލަކީ މެޗުގެ 75 ވަނަ މިނެޓްގައި ގަތަރުގެ މުހައްމަދު މަނާއި އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި އިތުރު ވަގުތުގެ ގޮތުގެ ތެރޭގައި ޖޮނަތަން ޑޭވިޑް ވަނީ ކެނެޑާގެ ހަވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ގްރޫޕް ބީގައި ރޭ ބޮސްނިއާ 4-1 އިން ބަލިކޮށް ސްވިޓްޒަލެންޑް ވެސް ބޮޑު މޮޅެއް ހޯދި އެވެ. މިހާރު ކެނެޑާ އާއި ސްވިޓްޒަލެންޑް ވަނީ ހަތަރު ޕޮއިންޓުން އެއްވަރުވެފަ އެވެ. ލަނޑުގެ ތަފާތުން އެއްވަނާގައި ކެނެޑާ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު