ކުޅިވަރު
ފޯރިގަދަ މެޗަކުން ކްރޮއޭޝިއާ ބަލިކޮށް އިންްގްލެންޑުން މޮޅަކުން ފަށައިފި
ބެލިހަމް، އިންގްލެންޑަށް އަލުން ލީޑް ނަގައި ދިނުމަށް ފަހު އުފާފާޅު ކުރަނީ - ފޮޓޯ: ގެޓީ އިމޭޖަސ
ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކެޕްޓަން ހެރީ ކޭން ކާމިޔާބުކޮށްދިން ދެ ގޯލާއެކު ކްރޮއޭޝިއާ ބަލިކޮށް، އިންގްލެންޑުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މިއީ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ބައްދަލުކުރި ފަހުން މި ދެ ޓީމުން ވޯލްޑް ކަޕްގެ މެޗެއްގައި ކުރިމަތިލި ފުރަތަމަ ފަހަރެވެ. 

މެޗު ފަށައިގެން 12 ވަނަ މިނިޓްގަައި ކޭން ވަނީ ޕެނަލްޓީ އަކުން ލީޑުނަގައިފަ އެވެ. މިއީ، އިންގްލެންޑްގެ ނޯނީ މަޑުއޭކޭ އަށް ކްރޮއޭޝިއާގެ ކެޕްޓަން، ލޫކަ މޮޑްރިޗް ކުރި ފައުަލަކަށް ދިން ޕެނަލްޓީ އެކެވެ. ކޭން، ފުރަތަމަ ޖެހި ޕެނަލްޓީ ކްރޮއޭޝިއާެގެ ކީޕަރު، ޑޮމިނިކް ލިވާކޮވިޗް ވަނީ މަތަކޮށްފަ އެވެ. އެކަމަކު، ޕެނަލްޓީ މަތަކުރަން ރޮނގަށް ވުރެން ކުރިއަށް ޖެހި ހުރުމުން އަލުން ޖަހަން ދިން ޕެނަލްޓީ ކޭން ވަނީ ގޯލަށް ވައްދާލައިފަ އެވެ. 

ކްރޮއޭޝިއާ އިން ވަނީ މެޗުގެ 36 ވަނަ މިނިޓްގައި މާޓިން ބަޓުރީނާ ޖެހި ހިތްގައިމު ގޯލުން އެއްވަރުކޮށްފަ އެވެ. އެ ގޮތުން، ކްރޮއޭޝިއާގެ ޕީޓަ ސުޗިޗް ދިން ބޯޅަ ބަޓުރީނާ ވަނީ އިންގްލެންޑްގެ ކީޕަރު ޖޮޑަން ޕިކްފޯޑް އަތުގައި ޖައްސާފައި ގޯލު ޖަހައިފަ އެވެ.

އިންގްލެންޑުން ދެ ވަނަ ފަހަރަށް ލީޑުނެގީ 42 ވަނަ މިނިޓްގައި ކޯނަރަކުން ޑެކްލަން ރައިސް ނެގި ބޯޅައަކުން ކޭން ބޮލުންޖެހި ގޯލުންނެވެ. އެކަމަކު، މި ލަނޑާ އެކު ވެސް ލީޑުގައި އޮވެ އިންގްލެންޑަށް ނިންމައިނުލެވުނެވެ. އެއީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ކްރޮއޭޝިއާ އިން ލަނޑެއް ޖަހައި، ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރުމުންނެވެ. ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ދިން ބޯޅައަކުން މި ލަނޑު ޖެހީ އެމެރިކާ ލީގުގެ ޑަލަސް އަށް ކުޅޭ ފޯވާޑް، ޕީޓާ މޫސާ އެވެ.  

ދެވަނަ ހާފުގައި އިންގްލެންޑުން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފަ އެވެ. އެގޮތުން ބޯޅަ ހޯދުމަށް ކުރި ކުރިމަތިލުންތައް ކާމިޔާބު ކުރި ނިސްބަތް 33 ޕަސަންޓުން 73 ޕަސަންޓަށް މަތިކުރި އެވެ

ދެވަނަ ހާފު ފެށިގެން އެންމެ ދެ މިނެޓުގެ ތެރޭގައި ޖޫޑް ބެލިންހަމް ވަނީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ބީޓްކޮށް، އިންގްލެންޑަށް އަލުން ކުރިހޯދައިދީފަ އެވެ.

މެޗުގެ 85 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތަކުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ޖަހައި، އިންގްލެންޑަށް 4–2 އިން މެޗު ކާމިޔާބުކޮށްދީފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު