
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، ރައީސް މުއިއްޒުގެ ވެރިކަން ވެއްޓުން ނުވަތަ އެމަނިކުފާނު އަމިއްލައަށް އިސްތިއުފާ ދެއްވައިފާނެ ކަމަށް ދެކެވަޑައިގަންނަވާ ބައެއް ސަބަބުތައް ނަޝީދު ހާމަކުރެއްވި އެވެ. އޭގެ ތެރޭގައި މުއިއްޒުގެ ގާތް ބޭފުޅުންނަށް ބޭވަފާތެރިވުމާއި އެއްވެސް މީހަކާ މަޝްވަރާ ނުކުރެއްވުން ނަޝީދު ފާހަގަ ކުރެއްވި އެވެ. ނަޝީދު ވިދާޅުވީ، ހުރިހާ ކަމެއް ވެސް ރައީސް މުއިއްޒު ނިންމަވަނީ އަމިއްލައަށް ކަމަށާއި ކެބިނެޓުގެ އިތުރުން ޕާޓީ ތެރޭގައި ވެސް އެއްވެސް މީހަކާ މަޝްވަރާ ނުކުރައްވާ ކަމަށެވެ. ކަންކަން ހިނގަމުން އަންނަ ގޮތާއި ދެން ކަން ކުރަންވީ ގޮތް އޭގެ ސަބަބުން މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ".. ރައީސް ޑރ. މުއިއްޒު، އެބޭފުޅާ މަޝްވަރާއެއް ނުކުރައްވާ އެބޭފުޅުންގެ ވަޒީރުންނަކާ ވެސް އަދި ޕާޓީ ތެރޭގައިވާ ވެސް. އަޅުގަނޑު ވެސް މި ރަށުގައި މި އުޅެނީ، އެހެންވީމާ ކަމެއް ހިނގަންޏާ އަޅުގަނޑަށް ވެސް އެނގޭނެ. ޕާޓީ ތެރޭ ބޭފުޅުންނަކާ ވެސް މަޝްވަރާއެއް ނުކުރައްވާ. އަދި ޕާޓީގެ ކުރީގެ ސިޔާސީ ވެރިންނަކާ ވެސް މަޝްވަރާއެއް ނުކުރައްވާ،" ނަޝީދު ވިދާޅުވި އެވެ. މި އަހަރު ނިމުނުގެ ކުރިން ސަރުކާރު ބަދަލުކުރާނެ ކަމަށް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވާއިރު، ރޭގެ ޕްރޮގްރާމްގައި ވާހަކަދައްކަމުން ނަޝީދު ވަނީ މަޖިލީސް މެދުވެރިކޮށް ނުވަތަ ރައީސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ވުން އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.