
އެމްއެފްޑީއޭގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުމަށް 12 އޮގަސްޓު 2020ގައި ކޮށްފައިވާ އިއުލާނާ ގުޅިގެން، އޭރު ވެސް ހެލްތު މިނިސްޓްރީގެ އިސް މަގާމެއްގައި ހުންނެވި ސާޖިދާ އެ މަގާމަށް ކުރިމަތިލެއްވި އެވެ. ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ސާޖިދާ ވިދާޅުވެފައިވާ ގޮތުން، އިމްތިހާނާއި އިންޓަވިއު މަރުހަލާއަށް ފަހު އެ މަގާމަށް އޭނާ ހޮވިފައިވާ ކަމާއި، އެ ވަޒީފާއަށް އޭނާ އައްޔަންކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާ ކަމަށް އެ އަހަރުގެ 25 އޮކްޓޯބަރުގައި އޭނާއަށް އަންގާފައި ވެސްވެ އެވެ. ނަމަވެސް ދެވަނަ ފަހަރަށް އެ މަގާމަށް މީހަކު ހޯދަން އިއުލާންކުރި އެވެ.ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ސާޖިދާ ހުށަހެޅުއްވީ އެ މަގާމަށް އޭނާ އައްޔަންކުރަން ނިންމި އިއުލާން ސަރުކާރުން ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށް ނިންމައި އަދި އެ މަގާމު އޭނާއަށް ދިނުމަށް އަމުރުކޮށް ދިނުމަށް އެދި އެވެ. ނަމަވެސް ޓްރައިބިއުނަލުން ނިންމީ އެގޮތަށް އަމުރު ނުކުރެވޭނެ ކަމަށެވެ.އެ މައްސަލަ ސާޖިދާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެހެންވެ، އެ ނިންމުން ސުޕްރީމް ކޯޓަށް އޭނާ ހުށަހެޅުއްވުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް މިދިޔަ ހަފުތާގައި ނިންމީ ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.ސާޖިދާގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްތިއުނާފީ ނުކުތާތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، މައިގަނޑު ނުކުތާއެއްގެ ގޮތުގައި ސާޖިދާ ވާހަކަދައްކަވާފައިވަނީ ތަފާތުކުރުމާ ގުޅޭ ގޮތުން ކަމަށް ވާއިރު، ތަފާތުކޮށްފައި ވަނީ ކޮން ފަރާތްތަކެއްގެ މެދުގައި ކަމާއި ކޮން ގޮތަކުން ކަމެއް ބަޔާންކޮށްދެއްވާފައި ނުވާ ކަމަށެވެ."އަދި ވަޒީފާ ދޭ ފަރާތުގެ ނިންމުމަކީ އިސްތިއުނާފް ކުރާ ފަރާތް [ސާޖިދާ]، މާލޭގެ މޭޔަރުގެ އަނބިކަނބަލުންނަށް ވެފައި، އިދިކޮޅު ސިޔާސީ ފަރާތްތަކާ ގުޅުން ހުރި ފަރާތަކަށް ވާތީ ނިންމާފައިވާ ނިންމުމެއް ކަމަށް މި ނުކުތާގައި ދައްކާފައިވާ ވާހަކަތަކުން ބާރެއް ނުދެ އެވެ،" ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.ސުޕްރީމް ކޯޓުން މިމައްސަލަ ނިންމާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެވެ.