ޚަބަރު
ދިރިއުޅުން ސިންގަޕޫރަށް ބަދަލުކުރި ވާހަކަ އަދީބު ދޮގުކޮށްފި
އެމްއެމްޕީއާރުސީގެ ވައްކަމުގެ އެންމެ އިސް މޭސްތިރިޔާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިންގަޕޫރަށް ދިރިއުޅުން ބަދަލުކުރި ވާހަކަ އޭނާ ދޮގުކޮށްފި އެވެ.

އަދީބްއާ ގުޅޭގޮތުން ދެކެވުނު ވާހަކައެއް އޭނާ ދޮގުކުރައްވާފައި މިވަނީ އޭނާ ރާއްޖެ އިން ބޭރަށް ވަޑައިގެން އުމުރާއެއް ކުރެއްވުމަށްފަހު ދިރިއުޅުން ސިންގަޕޫރަށް ބަދަލުކުރައްވާފައިވާ ކަމަށް އަދީބްގެ ބައެއް އަރިސް ބޭފުޅުން މިއަދު ނޫސްތަކަށް މައުލޫމާތު ދެއްވާފައި ވަނިކޮށެވެ. 

ނަމަވެސް އަދީބު ވަނީ އެ ހަބަރުތައް ދޮގުކުރައްވާފަ އެވެ. އަދީބު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އޭނާ ސިންގަޕޫރަށް ވަޑައިގަތީ ބޭސްފަރުވާއަށް ކަމަށެވެ. ބޭސްފަރުވާގެ ކަންކަން ނިމުމާއެކު އަމިއްލަ ވަޒަނަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އަދި، އޭނާގެ ކުރިއަށް ހުރި މަސައްކަތްތައް ވެސް ކުރާނީ ރާއްޖޭގައި ކަމަށާއި، އޭނާ ވަޅުލާނީ ވެސް ރާއްޖޭގެ ފަސްގަނޑުގައި ކަމަށް ވެސް އެ ޕޯސްޓްގައި ވިދާޅުވި އެވެ.

"އަޅުގަނޑު އެނބުރި ދާނީ އަޅުގަނޑުގެ ލޯބިވާ ގައުމަށް. އަޅުގަނޑު ދިރިއުޅޭނީ، މަސައްކަތްކުރާނީ އަދި ވަޅުލާނީ އަޅުގަނޑު ނިސްބަތްވާ ފަސްގަނޑުގައި،" އަދީބް ވިދާޅުވި އެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެއީ އޮކްޓޫބަރު 5، 2020 ގައެވެ. އަދީބު މިނިވަންވެވަޑައިގަތީ ޖަލުގައި ހުންނަވާތާ އަށް އަހަރު ފަހުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައާފު ދެއްވުމުންނެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
43%
29%
29%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު