ޚަބަރު
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ކޯޓަށް
އަދީބުގެ ޕާޓީ އޮފީސް ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ: އެމްޓީޑީ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ 2018 ގައި އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) ގެ އޮފީސް ހިންގުމަށް ނަގާފައިވާ އެޕާޓްމަންޓަށް ކުލި ނުދައްކައިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމުކުރާ ވަރަށް މެންބަރުން ހަމަނުވެގެން މިހާރު އުވާ ވެސް ލާފައިވާ އެމްޓީޑީން އޮފީސް ހިންގި ތަނަށް ކުލި ނުދައްކާކަން އެނގުނީ، ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބާތިލްކޮށް އިއްޔެ އެ ކޯޓުން ނެރުނު ހުކުމުންނެވެ.

ސިވިލް ކޯޓުގެ ގާޒީ އަޒްފާ އަބްދުލްގަފޫރު މި މައްސަލަ ބާތިލުކުރީ، އިޖުރާއީ ގޮތުން ބެލި ބެލުންތަކަކަށް ފަހުއެވެ. އަދީބު ޕާޓީން ދައުވާއަށް ޖަވާބުނުދީ އޮތުމުން، މައްސަލަ ހުށަހެޅި ފަރާތުން ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދިފައި އޮތްނަމަވެސް މައްސަލަ ބާތިލުކުރީ ނުބައި ފޯމަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށް ބުނެއެވެ.

"މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، އަދި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވައިދުގެ ދަށުން، ކޮންމެ މަރުހަލާއަކަށް އަދި ކޮންމެ ކަމަކަށް ވަކި ހާއްސަ ފޯމްތަކެއް އެކަށައަޅާފައިވީ ހިނދު، މައްސަލަތަކާއި ގުޅިގެން ހުށަހަޅަން ޖެހެނީ ކޮން ފޯމެއްކަން ކިޔައިދިނުމަކީ ކޯޓުގެ ޝަރިއަތް ކުރާ ސެކްޝަންގައި ތިބޭ މުވައްޒަފުން އަދި މައްސަލަ ބަލާ ގާޒީ ކުރަން ޖެހޭ ކަމެއް ނޫނެވެ" މައްސަލަ ބާތިލު ކުރި ރިޕޯޓުގައި އަޒްފާ ލިޔުއްވާފައިވެއެވެ.

ނަމަވެސް ބާތިލް ކުރިޔަސް އޮންނަ އިޖުރާއަތުގެ ތެރެއިން ދައުވާ އަލުން ކުރުމުގެ ހައްގު އޮންނާނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

އަދީބު އިސްވެ 2018 ގައި އުފެއްދި އެމްޓީޑީ, އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމީ މިދިޔަ މަހު ފަހުކޮޅު އެވެ.

ޔާމީނުގެ ސަރުކާރުގައި ޓުއަރިޒަމް މިނިސްޓަރުކަމުގައާއި ނައިބު ރައީސް ކަމުގައި އަދީބު ހުންނެވިިއިރު ހިނގި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި ޖަލުގައި ހޭދަކުރެއްވުމަށް ފަހު، އޭރު އަދީބު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

އަދީބުގެ މައްސަލާގައި އަލުން ޝަރީއަތް ހިންގުމަށްފަހު ހުކުމްކުރި ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އަދީބަށް މައާފު ދެއްވުމުން އޭނާ މިނިވަންވެ މިހާރު ވަނީ ރާއްޖޭން ބޭރަށް ވަޑައިގެންފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު