އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މުގުލުގައި ހުންނެވި އަހުމަދު އަދީބުގެ ޖަލު ހުކުމަށް ލުއި ދެއްވީ ގާނޫނީ އިމުގެ ތެރެއިން، އެކަން ކުރަން އޮންނަ އުސޫލުގެ ތެރެއިން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަން ދިފާއު ކުރައްވައިފި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ އެންމެ އިސް މީހުންގެ ތެރޭގައި ހިމެނޭ އަދީބާއި ޒިޔަތުގެ ހުކުމް ލުއިކޮށް އަދި ބަންދުން ދޫކޮށްލީ އިބޫގެ ވެރިކަމުގެ ދައުރު އެންމެ ހަތަރު ދުވަހަށް ވެފައި ވަނިކޮށެވެ. އެ މައްސަލާގައި އޭގެ ފަހުން މިހާތަނަށް ވެސް އެތައް ބަޔަކު ދަނީ އިބޫ އަށް ފާޑުކިޔަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޞާލިޙް ވިދާޅުވީ އަދީބަށް ލުއިދިނުމުގައި އަމަލުކޮށްފައި ވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އެގޮތުން، އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނެއް އުފައްދައި، ތަހުގީގުތައް ނިންމައި ބައެއް ފަރާތްތައް ޝަރީއަތަށް ފޮނުވިކަން ފާހަގަކުރެއްވި އެވެ. އަދި އަދީބަށް ލުއި ދިނުމުގެ ކުރިން، އޭނާ ހުކުމުގެ ބޮޑު ބައެއް ތަންފީޒު ކޮށްފައިވޭތޯއާއި ކަރެކްޝަންސްގެ ލަފަޔަށް ބަލާފައިވާނެ ކަމަށް ވިދާޅުވި އެވެ."އަޅުގަނޑު އަދީބަށް ލުއިދިނީ ހަމައެކަނި ޖިނާއީ މައްސަލައަށް. އޭގެ އަނެއް ފަޅިއަކީ މަދަނީ މައްސަލަ ނުވަތަ ފައިސާ ހޯދުމުގެ މައްސަލަ. އެ މައްސަލަތައް ހުންނާނީ ބަލައި ނިންމާ ޝަރީއަތް ކުރާ ހިސާބުގައި،" ސޯލިހު ވިދާޅުވި އެވެ.ސޯލިހު ވިދާޅުވީ އަދީބުގެ އިތުރުން އެހެން ފަރާތްތަކަށް ވެސް ގާނޫނީ އިމުގެ ތެރެއިން ލުއިތައް ދީފައިވާނެ ކަމަށެވެ. އަދި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތަކީ ހުއްޓިފައި އޮންނަންޖެހޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވި އެވެ.އެމްއެމްޕީއާރުސީ މެދުވެރިކޮށް، 54 ރަށް ދޫކޮށްގެން އަދީބުގެ މައްޗަށް 150 އަށް ވުރެން ގިނަ ދައުވާ ކުރެވެން އޮއްވައި ދައުލަތުން ކުރީ ހަތް ދައުވާ އެވެ. މި ދައުވާތަކުގައި 20 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އިއްވީ އަދަބު ލުއިވާ ގޮތަށް ހެދި ޕްލީބާގެއިން އެއްބަސްވުމުގެ ދަށުންނެވެ.
ޖަލު އަދަބު ލުއިވުމުގެ އިތުރަށް އެ އެއްބަސްވުމުގައިވާ ގޮތުން، ހިޔާނާތާ ގުޅިގެން އަދީބު ދައްކަން ޖެހެނީ ވެސް ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އެކެވެ. މަނީ ލޯންޑްރިންގެ ގާނޫނުން، މަނީ ލޯންޑާކުރި އަދަދު ދައްކަން އަންގައި އޭގެ ފަސް ގުނައާ ހަމައަށް (ފަސް ބިލިއަން ރުފިޔާ އިން) އަދީބު ޖޫރިމަނާ ކުރެވެން އޮއްވައި ދެ މިލިއަނުން ޖޫރިމަނާކުރުމުންގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކުރި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބު 20 އަހަރަށް ޖަލަށް ލާން އޮކްޓޯބަރު 2020 ގައި ހުކުމް ކުރިއިރު ވެސް އޭނާ ހުރީ ޖަލު ބަންދުގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ގައި އަދީބު ޖަލަށްލީ ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލައިގަ އެވެ. އޭގެ ފަހުން ހަމަ އެ ސަރުކާރުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ވެސް ދައުވާ އުފުލި އެވެ.