ޚަބަރު
ބަޖެޓު ބަހުސަށް މިއަދު ޖަލްސާގެ ވަގުތު ދަންމާލައިފި
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ބަހުސް ނިންމުމަށްޓަކައި، މިއަދުގެ ޖަލްސާގެ ވަގުތު ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ 300 މިލިއަން އިތުރުކޮށް ޖުމްލަ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. 

ބަޖެޓް ކޮމިޓީން ވަނީ ބަޖެޓުގައި ފުށިދިއްގަރު ފަޅު ހިއްކަން ހިމަނާފައިވާ 400 މިލިއަން ރުފިޔާ އުނިކޮށްފައެވެ. އެ މަޝްރޫއަށް ހިމެނި ފައިސާ ބަޖެޓުގެ އެކި ކަންކަމަށް ބަހާލާފައިވާއިރު، ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ އެކި ދާއިރާތަކަށް 306 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކުރުމަށްފަހު އެވެ. އޭގެތެރޭގައި ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ކުރާ މަސައްކަތަށް 10 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ބަޖެޓަށް އެންމެ ބޮޑު އަދަދެއް އިތުރުވީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ.


ބަޖެޓު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި މެމްބަރުން ބަހުސް ކުރައްވަން، ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވަގުތު އިތުރުކުރައްވަން ބޭނުންފުޅުވާ ކަމަށް އިއުލާނުކުރައްވައިފަ އެވެ.

އެއާ އެކު، އަސްލަމް ހުށަހެޅުއްވި ގޮތަށް، ބަޖެޓު ބަހުސް މިއަދު ނިންމުމަށްޓަކައި ހަވީރު 5:00 އާ ހަމައަށް ޖަލްސާގެ ވަގުތު އިތުރުކުރަން ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

މިއަދު ބަޖެޓު ބަހުސް ނިންމިޔަސް، މިއަދު ބަޖެޓު ފާސްކުރަން ވޯޓަށް އަހާނެ ކަމެއް ނޭނގެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
50%
50%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު