ޚަބަރު
ގާނޫނު އޮތް ގޮތުން ތިނަދޫ ސިޓީއަކަށް ވިޔަސް އޮންނާނީ ރަށު ކައުންސިލެއް
ސުޕްރީމްކޯޓުން ބޭއްވި އަޑުއެހުމެއްގައި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފިލްޒާ ވާހަކަދައްކަވަނީ
 ލާމަރުކަޒީ ޤާނޫނު އޮތްގޮތުން ގދ. ތިނަދޫގެ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖައެއް ދެވޭނެ ތަނެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.

ތިނަދޫ ކައުންސިލުން ވަނީ އެކި އިދާރާތަކުން އެ ކައުންސިލަށް އެކި ގޮތްގޮތަށް އެޑްރެސް ކުރާ މައްސަލަ އާއި ބަޖެޓާއި މެންބަރުންގެ މުސާރައިގެ އިތުރުން ބައެއް ހިދުމަތްތައް ދިނުމުގައި އޮޅުން އަރާ މައްސަލަތައް ކޮމިޓީ އަށް ހިއްސާ ކޮށްފަ އެވެ.

އެ ކަންކަމާ ގުޅޭ ގޮތުން ކޮމިޓީގައި މަޝްވަރާކޮށް އިއްޔެ ނިންމީ ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވެފައިވާ ކަމަށް ކޮމިޓީ އަށް ފެންނަ ކަމަށާއި ސިޓީގެ ދަރަޖަ ލިބުނީ ދައުރުގެ މެދުތެރެއިން ކަމަށް ވިޔަސް ދައުރު ހަމަވަންދެން އެއީ ސިޓީ ކައުންސިލެއްގެ ގޮތުގައި ދެމި އޮންނާނެ ކަމެވެ.

އެކަމަކު، އެ ނިންމުމާ ގުޅިގެން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ދެއްވި ލަފާގައި ބުނެފައިވަނީ ކޮމިޓީގެ ނިންމުން ގާނޫނާ ހިލާފު ކަމަށެވެ.

ފިލްޒާގެ ލަފާގައިވަނީ ލާމަރުކަޒީ ގާނޫނުގެ 51 ވަނަ މާއްދާއިން، ރަށު ކައުންސިލެއް އިންތިޚާބުކޮށް ދައުރު ހަމަނުވަނީސް އެ ރަށެއް ސިޓީއަކަށް ބަދަލުވި ނަމަވެސް އެ ސިޓީ ހިންގާނީ ރަށު ކައުންސިލުންކަން ސާފުވާ ކަމަށެވެ.

ފިލްޒާ ވިދާޅުވީ ތިނަދޫ ކައުންސިލަށް ރައީސް އާއި މެންބަރުން ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ ރަށު ކައުންސިލްގެ މަގާމުތަކަށް ކަމަށާއި އެ ބޭފުޅުން ހުވާ ކުރެއްވީ ވެސް އެ މަގާމުތަކަށް ކަމަށެވެ. އެހެންކަމުން، އެ ހުވާ ކުރައްވައިގެން ތިބި މެންބަރުންތަކަކަށް ސިޓީ ކައުންސިލެއްގެ މޭޔަރު ކަމާއި މެންބަރުންގެ ހައިސިއްޔަތު ނުދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކައުންސެލަރ ޖެނެރަލްގެ ލަފަޔާއި ގުޅިގެން މިއަދު ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި އެކަމުގައި ޤާނޫނަށް އިސްލާހު ގެނެސްގެން ހައްލު ތަކެއް ގެނެވޭނެކަމަށް ކައުންސެލް ޖެނެރަލް ވިދާޅުވުމާއި ގުޅިގެން ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ލާމަރުކަޒީ ޤާނޫނު އިސްލާހުކޮށްގެން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެވެން އޮތުމުން، އެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކުރީގެ ސަރުކާރުންނެވެ. ނަމަވެސް އެކަމާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރަޢާތުތައް އޭރު އޮތީ ފުރިހަމަނުކޮށްކަން ފާހަގަކޮށްލެވެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުވެސް ވެރިކަމަށް އައީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ވަޢުދާއެކުކަމުން، އެ މަސައްކަތް ކުރިއަށްގެންދަން މި ސަރުކާރުންވެސް ވަނީ ނިންމަވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު