ޚަބަރު
9 އިން މަތީގެ ކުދިންގެ ކިޔެވުމަށް އެއްވެސް ބަދަލެއް ނާންނާނެ: މިނިސްޓަރު
ދިރާސީ އަހަރަށް ބަދަލު ގެނައި ނަމަވެސް މިހާރު ގްރޭޑް 9 އިން ފެށިގެން މަތީގެ ދަރިވަރުން ކިޔަވާ ދުވަސްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލުކޮށް، 2026 ވަނަ އަހަރުން ފެށިގެން ތައުލީމީ އާ އަހަރު ފަށާނީ ޖެނުއަރީ މަހު ކަމަށެވެ. އެކަމަކު، އޯ ލެވެލް އަދި އޭ ލެވެލްއަށް ތައްޔާރުވާ ދަރިވަރުންނަށް އެއްވެސް ކަމެއް ބަދަލެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.ކުރިން ވެސް ރޭވިފައިވާ ގޮތަށް އެ ދަރިވަރުން އޯލެވެލް އިމްތިހާނު ހަދާނީ މޭ/ ޖޫންގައި ކަމަށާއި އަދި ސިލަބަސް ކަވަރުކުރުމުގައި އެއްވެސް ވަރަކަށް ކްލާސްރޫމްގެ ލާނިން ޓައިމް ގެއްލިގެން ނުދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭ ލެވެލްގެ އިމްތިހާނުތައް ވެސް، މިހާރު ހަދަމުން އަންނަ ދުވަސްވަރު ހަދާނެ ކަމަށާއި އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނުގެ ދުވަސްވަރަށް ބަދަލެއް އަންނާނީ 2026 ވަނަ އަހަރުން ފެށިގެންނެވެ.މިގޮތުން ތައުލީމީ ކަލަންޑަރަށް ގެންނަ ބަދަލުތަކުގެ ތަފްސީލް ފަހުން ހިއްސާ ކުރާނެ ކަމަށް ވިދާޅުވި އެވެ.

ފަސް ސެމިސްޓަރަށް ބަހާލައިގެން ތައުލީމީ ކަލަންޑަރަށް ގެންނަ ބަދަލުގެ ސަބަބުން ރާއްޖޭގެ ފިސްކަލް އަހަރާއި ތައުލީމީ އަހަރު އެއްގޮތްކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ޗުއްޓީތަކަށް ބަދަލު ގެންނައިރު، އަހަރުގެ މެދުތެރެއިން މިހާރު ލިބޭ ޗުއްޓީތައް، ރަށުން ބޭރުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާރު ލިބޭ ވަރަށް ވުރެ މަދުވެގެން ނުދާނެ ކަމަށެވެ. 

ދިރާސީ އާ އަހަރު ޖެނުއަރީގައި ފެށޭގޮތަށް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު