ޚަބަރު
ޖަލު އޮފިސަރުންގެ އެކޮމޮޑޭޝަން ރަނގަޅުކުރުމަށް މަސައްކަތް ކުރާނަން: ސީޕީ
ބަޖެޓްގެ ދަތިކަން ހުރިނަމަވެސް ގައިދީންނާއި، ޖަލު އޮފިސަރުންގެ އެކޮމޮޑޭޝަން ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ އައްސޭރި ޖަލުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ޖީލުގައި އަދި ޒަމާނުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވަބާއާ ގުޅޭ މައްސަލަތައް ކަމަށާއި ޖަލުތަކުގައި ތިބި ގައިދީންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށްފައިވާ ދިވެހީންނާއި ބިދޭސީން ކަމަށާއި އެމީހުން ބަލަހައްޓައި، ރިހެބިލިޓޭޓްކޮށް މުޖްތަމައަށް ނެރުމަށް ކުރާ މަސައްކަތްތަކަކީ ގައުމީ ޖިހާދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލުތަކުގައި ހުރި އިމާރާތްތަކާއި އުމްރާނީ ކަންކަމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރު ވިދާޅުވީ ޖަލުގައި ތިބި ގައިދީންނާއި މަސައްކަތްކުރާ އޮފިސަރުންގެ އެކަމަޑޭޝަން ފަދަ ކަންކަން ރަނގަޅުކުރުމަށް، ބަޖެޓްގެ ދަތިކަން ހުރިނަމަވެސް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ޖަލުތައް ކޮމާޝަލައިޒްކޮށް، މިހާރު ހިންގަމުންދާ މަޝްރޫއުތައް ފުޅާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ހަސަން ވިދާޅުވި އެވެ.

އަދި އޮފިސަރުންނާއި މުވައްޒަފުން ތަރައްގީކޮށް، ތަޢުލީމީ ފުރުސަތު ހޯދައި ދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ، އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ކޮލެޖަކަށް ބަދަލުކުރުމަށް މަސައްކަތްކޮށް، މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިލޭ ހިންގުމަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްސޭރި ޖަލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އެ ޖަލުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ އޮފިސަރުންނަށާއި ހާޒިރީ ރަނގަޅު އޮފިސަރުންނާއި ފިޒިކަލް ޓެސްޓުގައި ވަނަތައް ހޯދާފައިވާ އޮފފިސަރުންގެ އަގުވަޒަންކުރި އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު