ޚަބަރު
ކުރީގެ ރައީސް ޔާމީނަށް ދީފައިވާ ލުއިތަކުގެ ރިވިއުއެއް ހަދަނީ..!
ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ބަންދުގައި ހުންނަވާ މުއްދަތުގައި ކަރެކްޝަންސް ދީފައިވާ ލުއިތައް ރިވިއު ކުރަމުންދާ ކަމަށް ކަރެކްޝަންސް އިން ބުނެފި އެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމް ކޮށްފައިވާ ޔާމީން ގޭ ބަންދަށް ބަދަލު ކުރަން ނިންމި ނަމަވެސް އެ މަނިކުފާނު އިސްވެ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންފް) ގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވެ އެވެ.

އެހެން ނަމަވެސް އެއާ ހިލާފަށް ޔާމީން މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގެންނެވި މައްސަލައެއް ކަރެކްޝަނުން ބެލި އެވެ. ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

ޔާމީންގެ ބަންދަށް އެންމެފަހުން ލުއިތަކެއް ދިނީ ކުރީގެ ސަރުކާރުންނެވެ. މި ސަރުކާރުން ޔާމީން މިނިވަން ނުކުރާތީ އާއި އެމަނިކުފާނަށް އިތުރު ލުއިތަކެއް ނުދެއްވާތީ ސަޕޯޓަރުން އެކަމުގެ ނުރުހުން އަންނަނީ ފާޅުކުރަމުންނެވެ.

ޔާމީން މިނިވަން ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިނުގައި އެންމެ ބޮޑަށް ދެއްކެވި ވާހަކަ އެވެ. 

ޔާމީން މިނިވަން ކުރެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވިއިރު, ރައީސާ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަނުން ޔާމީނު ވަނީ ވެރިކަމަށް ހަތަރު ވަނައަށް ވީ ދުވަހު ޕީޕީއެމް/ޕީއެންސީ ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފަށްޓަވާފަ އެވެ.

ކަރެކްޝަންސްއިން ބުނީ ޔާމީނަށް ދީފައިވާ ލުއިތައް މިހާރު ރިވިއު ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން ވެސް ކަރެކްޝަންސްއިން ވަނީ ޔާމީން އެއްބަސްވުމާ ޚިލާފަށް ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާނަމަ އެއްބަސްވުން އުވާލާނެކަމުގެ އިންޒާރު ވެސް ދީފަ އެވެ.

ޔާމީންގެ ލުއިތައް ރިވިއުކުރަން ކަރެކްޝަންސް އިން ފެށުމާ ގުޅިގެން މިރޭ "ޗެނަލް13" ގައި ވާހަކަދައްކަމުން ޔާމީންގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ކުރީ ސަރުކާރުން ޔާމީނަށް ދީފައިވާ އަނިޔާތައް މި ސަރުކާރުން ތަކުރާރު ކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި އެއީ ރައްޔިތުން ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ޔާމީނަށް ދީފައިވާ ލުއިތައް ރިވިއުކުރާ ވާހަކަ ދެއްކުމުން ހިތަށް އަސަރުކުރާ ކަމަށާއި ކޮންމެ ގޮތަކަށް ކަންތައްތައް ނިންމި ނަމަވެސް ޔާމީންގެ މަސައްކަތައް ހުއްޓުމެއް ނާންނާނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.

"ކޮންމެ ގޮތަކަށް ކަންތައްތައް ނިންމެވި ކަމުގައިވީ ނަމަވެސް، ރައީސް ޔާމީންގެ ފިކުރާއި ވިސްނުންފުޅާއި ގައުމަށްޓަކާ އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅެއް ހުއްޓުމަކަށް ނާންނާނެ،" ޖަމީލު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
44%
24%
16%
16%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު