ޚަބަރު
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީއަށް ދަޢުވާކުރަން ފޮނުވައިފި
މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ އަބްދުﷲ މައުމޫން --
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި، އަބްދުﷲ މައުމޫނުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީއިން ބުނި ގޮތުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މައުމޫން ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި މައުމޫން އެ ކުންފުނިން 3.1 މިލިއަން ރުފިޔާ ނަގާފައިވާކަން، އެ ކޮމިޝަންގެ ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

"އަދި އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވެ އެވެ،" އޭސީސީއިން ބުނެފައިވެ އެވެ.

އެހެންވެ އޭސީސީންވަނީ އޭނާގެ މައްޗަށް ހަތް ދައުވާކޮށްދިނުމަށް ޕީޖީގައި އެދިފައެވެ. އެއީ:

  1. ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
  2. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ
  3. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  4. ކުށެއް ކުރަން އެދުމުގެ ދައުވާ
  5. ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ
  6. ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ
  7. ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ
ހަމައެއާއެކު މި މައްސަލައިގެ ތެރެއިން ރިޝްވަތުގެ ގޮތުގައި ގެއްލުނު، ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން ނިންމައިފައިވާކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް މޯލްޑިވް ގޭހުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުއާމަލާތްތަކެއް ހިނގިކަމުގެ ތުހުމަތު ކުރެވިފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު