
ޕީއެންސީން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެމްއެންޕީގެ ލީޑަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވާދަކުރައްވާ ދާއިރާއަށް ޕްރައިމަރީއަކަށް ނުދާން ނިންމާފައިވާ ކަމަށެވެ."އަޅުގަނޑުމެން ނިންމާފައި މިއޮތީ އެމްއެންޕީގެ ލީޑަރު ރިޓަޔާޑް ކާނަލް ނާޒިމް ވާދަކުރައްވާ ދާއިރާއަށް އަޅުގަނޑުމެން ޕްރައިމަރީއަކަށް ނުދާނަމޭ. އަޅުގަނޑުމެން އެޕާޓީގެ ލީޑަރަށް އިހުތިރާމް ކުރުމުގެ ގޮތުން އަޅުގަނޑުމެން ވާދަނުކޮށް، އެގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ނާޒިމަށް ދޭނީ" އަބްދުއްރަހީމް ވިދާޅުވި އެވެ.ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވާދަކުރައްވާ މީދޫ ދާއިރާގެ ގޮނޑިވެސް ދޫކޮށްލާފައިވާ ކަމަށާއި، މާމިނގިލީ ދާއިރާއަށް ވާދަކުރައްވާ ޤާސިމް އިބްރާހިމަށް ވެސް އެދާއިރާ ދޫކޮށްލާ ޕީއެންސީން ވާދަނުކުރުމަށް ނިންމާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ އިންތިޒާމްކުރުމުގައި އިސްކޮށް އުޅުއްވާނީ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އިބްރާހިމް ސުޖާއުކަމަށެވެ. އަދި ޕްރައިމަރީގެ ކަންކަން ވީހާވެސް އަމާންކަމާއެކު ސުލްހަވެރިކަމާއެކު ކުރިއަށްގެންދިއުމަށް ކެންޑިޑޭޓުންނާއި އާންމު މެންބަރުންނަށް އަބްދުއްރަހީމް އިލްތިމާސްކުރެއްވިއެވެ.