ދުނިޔެ
ރަސްގެފާނު ޗާލްސް އަށް ކެންސަރުގެ އާލާސްކަންފުޅެއް ޖެހިވަޑައިގެންފި
އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް. --
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައަށް ކެންސަރު ޖެހިފައިވާ ކަން އެ ގައުމުގެ ޝާހީ ގަނޑުވަރު, ބަކިންގްހަމް ޕެލެސުން ހާމަކޮށްފި އެވެ.

ރަސްގެފާނަށް ކެންސަރު ޖެހިފައިވާކަން އެނގިފައި ވަނީ ޕްރޮސްޓޭޓުގެ ފަރުވާއަކަށް ހަސްފަތާލުގައި އެޑްމިޓުކޮށް ހެދި ޓެސްޓުތަކަކުންނެވެ. ޕްރޮސްޓޭޓް ދުޅަވުމާ ގުޅިގެން ފަރުވާ ހޯއްދެވުމަށް ލަންޑަން ކްލިނިކް ޕްރައިވެޓް ހަސްފަތާލުގައި ތިން ދުވަހު އެޑްމިޓްކޮށްފައި އޮތުމަށްފަހު ރަސްގެފާނު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މީގެ ކުރިން އުމުރުފުޅުން 75 އަހަރުގެ ޗާލްސް ޕްރިންސެސް އޮފް ވޭލްސްގެ ބަނޑުގެ އޮޕަރޭޝަނެއް ކުރައްވާފައި ވެއެވެ. އެއީ އެ އޮޕަރޭޝަނާއި ގުޅުން ހުރި ކެންސަރުގެ ބައްޔެއް ނޫންކަން އެނގުނު ނަމަވެސް، އެކަން ހާމަވެގެން ގޮސްފައި ވަނީ އެ އޮޕަރޭޝަނަށް ފަހު ހޯއްދަވަމުން ދިޔަ ފަރުވާގެ ތެރެއިން ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމަނިކުފާނަށް ޖެހިވަޑައިގެންނެވީ ކެންސަރުގެ ބާވަތެއް ހާމަކޮށްފައި ނުވި ނަމަވެސް ގަނޑުވަރުން ނެރުނު ބަޔާނެއްގައި ވާގޮތުން ރަސްގެފާނު "ރެގިއުލާ ޓްރީޓްމަންޓް" ފެއްޓެވީ މިދިޔަ ހޯމަ ދުވަހު އެވެ.

ރަސްގެފާނު ހުންނެވީ ވަރަށް އަވަހަށް ރަނގަޅުވެ އަލުން އެނބުރި ރައްޔިތުންގެ ހިދުމަތަށް ނުކުމެވަޑައިގަނެވޭނެ ކަމުގެ އުންމީދުގައި ކަމަށް ބަޔާނުގައިވެ އެވެ. ޑޮކްޓަރުން ވަނީ މި ވަގުތު ރަސްގެފާނު އާންމުންގެ ތެރެއަށް ނުކުމެވަޑައިގެން ނޫޅުއްވުމަށް އަންގަވާފައި ކަމަށާއި އެކަމަކު އެކަމަކު ރަސްމީ އެހެން މަސައްކަތްތަކުގައި ކުރައްވަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ވެސް ގަނޑުވަރުން ބުންޏެވެ.

ޝާހީ އާއިލާއާ ގުޅުން ގޯސްވެ މިހާރު އެމެރިކާގައި ވަކިން އުޅުއްވާ ޗާލްސްގެ ދަރިކަލުން ހެރީ ވިދާޅުވީ ބައްޕާފުޅާ ވާހަކަ ދެއްކެވި ކަމަށާއި ބައްދަލުކުރައްވަން ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޗާލްސް އާއި ޕްރިންސަސް ޑަޔާނާގެ ހަގު ދަރިކަލުން ހެރީ އުޅުއްވަނީ އަނބިކަނބަލުން މޭގަން މާކްލްއާ އެކު ކެލިފޯނިއާގަ އެވެ.

ރަސްގެފާނުގެ އާލާސްކަންފުޅުގެ ޚަބަރާ އެކު އެތައް ބަޔަކު ގެންދަނީ ރަސްގެފާނަށް ހެޔޮ އެދުމުގެ މެސެޖުތައް ފޮނުވަމުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު