ޚަބަރު
މަޑަވެލި ތަރައްގީއަށް އެންމެ މުހިންމު ކަންކަން ފާހަގަކޮށްފި
ނައިބު ރައީސް، ގދ. މަޑަވެލި ކައުންސިލާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ކައުންސިލަރުން ފާހަގަކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ގދ. މަޑަވެލި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި:

  1. ރަށުގެ ބިމުގެ ދަތިކަމުގެ ސަބަބުން ހުރި ގޮންޖެހުންތައް
  2. ބަނދަރުގެ ޖާގަ ދަތިވުމުގެ ސަބަބުން ރަށުގެ މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް
  3. ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނުނިމި ހުރުން
  4. މިސްކިތުގެ ޖާގައިގެ ދަތިކަން، 
  5. ސްކޫލުގައި އެކަށީގެންވާ ވަރަށް ކުލާސްރޫމްތައް ނެތުން
  6. ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުނުކުރެވޭތީ ކުރިމަތިވާ ދަތިތައް


މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންތައްތަކަކީ އެރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންތައްތައްކަން ފާހަގަކުރައްވައި، ސަރުކާރުން އަދި އެމަނިކުފާނުވެސް ބޭނުންފުޅު ވަނީ ރައްޔިތުންނަށް ދަތިވާ މުހިންމު ކަންކަން ޙައްލުކޮށްދެއްވުން ކަމުގައި ވިދާޅުވި އެވެ. 

އަދި ގދ. މަޑަވެލީގެ ތަރައްގީއަށް ރައީސް މުހައްމަދު މުއިއްޒުގެ ވެސް މުހިންމު ޕްލޭންތަކެއް ހުރިކަން ފާހަގަކުރައްވައި، އެކަންކަން ކުރިއަށްގެންދަވާނީ ރަށުގެ ރައްޔިތުންނާ މަޝްވަރާ ކޮށްގެންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި، ކަމާގުޅޭ ވުޒާރާ އަދި އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު