ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ އެމްޑީޕީ ސަރުކާރުން: އުޝާމް
އަލީ ރާޒީ
07 މާޗް 2025 - 20:01
0 comments
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކުރީ ސަރުކާރުން ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޖޭއެސްސީން ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023 އަށް އަދި ނޮވެމްބަރު 2023 އިން މިދިޔަ މަހުގެ ނިޔަލަށް ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކުގެ ތަފާސްހިސާބުތައް އާންމުކުރައްވައިފަ އެވެ.އެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023 ގެ ނިޔަލަށް ޖޭއެސްސީން ވަނީ 56 ފަނޑިޔާރަކަށް ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރެއިން 8 ފަނޑިޔާރަކު މަގާމުން ވަކިކޮށްފައިވާއިރު، 12 ފަނޑިޔާރަކު ސަސްޕެންޑުކޮށް، ތިން ފަނޑިޔާރެއްގެ މަގާމު ދަށްކޮށްފައިވެ އެވެ. އަދި ސުލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި 33 ފަނޑިޔާރަކަށް ނަސޭހަތް ދީފައިވެ އެވެ.މި ސަރުކާރުގައި، ނޮވެމްބަރު 2023 އިން މިދިޔަ މަހުގެ ނިޔަލަށް ޖޭއެސްސީން ފިޔަވަޅު އަޅާފައި ވަނީ ފަސް ފަނޑިޔާރުންނަށެވެ. އެއީ ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނާއި ސުލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި ނަސޭހަތް ދިން ދެ ފަނޑިޔާރުންނެވެ.އުޝާމް މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވީ ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލިގޮތަކަށް ސަސްޕެންޑް ކުރުމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުއްލި ގޮތަކަށް ޖޭއެސްސީން ސަސްޕެންޑުކުރީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ. މީގެތެރެއިން ސުއޫދު މިހާރު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު