ޚަބަރު
ދުސްތޫރީ މައްސަލާގައި ޖަވާބުދޭންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން ޖަވާބު ފޮނުވިން: އޭޖީ
މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ސުޕްރީމް ކޯޓަށް ޖަވާބުދާރީވާން ދިން މުއްދަތުގައި ހުށަހަޅަންޖެހޭ އެއްޗެހި ހުށަހަޅާފައި ވާނެ ކަމަށް ބަންޑާރަނައިބު، އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ދައުލަތަށް ދިން 10 ދުވަހުގެ މުއްދަތުގައި ޖަވާބު ނުދޭ ކަމަށް ބުނެ އުޝާމްއާ މެދު ފިޔަވަޅު އަޅައިދޭން އަލީ ހުސައިން މިއަދު ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

އެކަމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން ދީފައިވާ 10 ދުވަހުގެ މުއްދަތު ގުނަން ޖެހެނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ ކަމަށާއި އެ މުއްދަތު ހަމަވުމުގެ ކުރިން ދައުލަތުން ދޭންޖެހޭ ޖަވާބު ފޮނުވާފައިވާ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.

އުޝާމްގެ ޕޯސްޓުގައި ތުހުމަތު ކުރެއްވީ އަލީ ހުސެއިން އޮޅުވައިލައި ދޮގު ހެދި ކަމަށެވެ. އެގޮތުން ޖަވާބުދާރީ ވާން ސުޕްރީމް ކޯޓުން ދިން މުއްދަތު ހަމަވަނީ 28 ފެބްރުއަރީއަށް ނޫން ކަމަށާއި ރަސްމީ ދުވަސް ގުންނަންޖެހޭ ގޮތް ކިޔައި ނުދިނަސް އެނގިވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

"ތިޔަ ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުން ދެއްވާފައި ވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް، އަދި އެ މުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައި، އެ މުއްދަތު ހަމަވަނީ 28 ފެބްރުއަރީ 2025 އަކަށް ނޫން،" އުޝާމްގެ ޕޯސްޓުގައި ވިދާޅުވި އެވެ.

"ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް އަޅުގަނޑު ކިޔައިނުދިނަސް އެނގޭނެ ކަމަށް ދެކެން،"

މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ނިންމައި ޖަވާބުދާރީ ވުމަށް 10 ދުވަސް ދޭން ސުޕްރީމް ކޯޓުން އަމުރު ކުރީ ފެބްރުއަރީ 18 ގަ އެވެ. އެ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ދުވަސްތައް ގުނާނަމަ، 10 ދުވަސް ހަމަވީ އިއްޔެ އެވެ.

ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ޖަވާބުދާރީވާން 10 ދުވަސް ދިނުމަށް ސުޕްރީމް ކޯޓުގައި އެދުނީ ދައުލަތުންނެވެ.

އެ މައްސަލާގެ އަޑުއެހުމެއް މިދިޔަ ހަފުތާގައި ބާއްވަން ހަމަޖެހިފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރުމުން އެ މައްސަލާގެ އަޑުއެހުމެއް އޭގެފަހުން މިހާތަނަކަށް ނުބާއްވަ އެވެ. އަދި އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު