ޚަބަރު
ގުރައިދޫ މަރުކަޒުން 29 މީހަކު އާއިލާތަކާ ހަވާލު ވަނީ
ކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު --
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ފުރިހަމަ ކުރުމަށް ފަހު އާއިލާއާ ހަވާލުވާން ތައްޔާރަށް މިވަގުތު 29 މީހުން އެބަ ތިބި ކަމަށް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރޭ ފޭސްބުކްގައި އާންމުންނަށް ސުވާލު ވެސް ކުރެވޭ ގޮތަށް ފެށި ފުރަތަމަ ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ މަރުކަޒުގައި ތިބޭ މީހުންނާ ޢާއިލާތަކުން ހަވާލުނު ވާ މައްސަލަ ބޮޑު މިކަމުގައި ރަނގަޅު ބަދަލުތަކެއް އަންނަމުންދާކަން ފާހަގަ ކުރައްވައިފަ އެވެ.

"އާއިލާތަކުން ހަމަ މަސައްކަތްކޮށްގެން ވަރަށް ބޭނުންވެގެން އެ މީހުން އެބަގެންދޭ. މިހާރު އަޅުގަނޑު ހިތުން ގާތްގަނޑަކަށް ނަވާވީސް މީހަކު އެބަ ތައްޔާރުވެފަ އެބަތިބި އަނބުރާ ޢާއިލާތަކަށް ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ. 

މީގެ އިތުރުން، މިނިސްޓްރީގެ ދަށުން ބަލަހައްޓާ މަރުކަޒުތަކުގެ އާބާތުރަ ފިލުވުމަކީ ވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކުރަން ފަށާފައިވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުންނަ ހުރިހާ މަރުކަޒެއް އިތުރަށް އަބަދު ރަނގަޅު ކުރަމުން އެތަންތަނުގެ އާބާތުރަ ފިލުވަމުން ފެންވަރު ރަނގަޅު ކުރަމުން ގެންދަން ވިސްނަން." މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ވެސް މިނިސްޓްރީން ވަނީ މަރުކަޒުގައި ތިބި ހަ މީހުން އާއިލާއާ ހަވާލުކޮށްފަ އެވެ. އަދި ނިމިދިޔަ ޖެނުވަރީ މަހު އެ ތަނުގައި ތިބި މީހުންގެ ތެރެއިން 19 މީހުން އާއިލާއާ ހަވާލު ކުރެވޭނެ ކަމަށް މިނިސްޓްރީން އޭރު ބުންޏެވެ.

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ 1976 ވަނަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ގާއިމުކުރި މަރުކަޒެކެވެ.

އެ މަރުކަޒަކީ ދިވެހި ރައްޔިތުންގެ ތެރެއިން ޖިސްމާނީ ގޮތުންނާއި، ނަފުސާނީގޮތުންނާއި، ސިކުނޑީގެގޮތުން ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ބަލަދުވެރިން ނުވަތަ ބެލެނިވެރިންނަށް ނުވަތަ އެ ނޫން ބަޔަކަށް ވެސް ސަލާމަތާއި ރައްކާތެރިކަމާ އެކު މުޖުތަމައުގައި އެ މީހުން ގެންގުޅެންދަތި މީހުންނާއި، ކުދިން ބަލަހައްޓާ މަރުކަޒެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު