ޚަބަރު
ފަތުރަނީ ކޮމިޝަންގެ ލިސްޓެއް ނޫން: އޭސީސީ
ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވި މީހުންގެ ފޯމްތައް ތަހުގީގު ކުރުމަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެކުލަވާލި ލިސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ލިސްޓަކީ އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫން ކަމަށް އޭސީސީން ބުނެފި އެވެ.

މިދިޔަ ސަރުކާރުގައި ފްލެޓު ދިނުމަށް ކުރިއަށްގެންދިޔަ ސްކީމާ ގުޅޭ މައްސަލަތަކެއް އޭސީސީން އަންނަނީ ބަލަމުންނެވެ. ފްލެޓު ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި މީހުންގެ ތެރެއިން 59 ޕަސެންޓު މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުނެ އެވެ. އަދި ޝަރުތު ހަމަވި ނަމަވެސް މައްސަލަ އުޅޭ 19.7 މީހުންނަށް ފްލެޓު ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މައްސަލަ ތަހުގީގުކޮށް ހައުސިން މިނިސްޓްރީއަށް ތަފްސީލުތަކެއް އޭސީސީން ހިއްސާކޮށްފައިވާއިރު އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓުގެ ބައެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިސްޓެއް އަންނަނީ ދައުރުވަމުންނެވެ.

އޭސީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައާ ގުޅޭގޮތުން ކޮމިޝަނުގެ ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ތަހުގީގުގެ ބޭނުމަށް ތައްޔާރުކޮށްފައިވާ ލިސްޓުގެ މައުލޫމާތު މިހާތަނަށް ކޮމިޝަނުން ހިއްސާކޮށްފައިވަނީ ހައުސިން މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް އެކަނި ކަމަށެވެ.

"އާންމު ރައްޔިތުންނާ ގުޅުންހުރި މިފަދަ ހައްސާސީ މައްސަލައެއްގައި، އެ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް މީސް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަ ފެތުރުމަކީ، ރައްޔިތުންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ކުރާ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ ކަމަކަށްވާތީ، އެކަމާ މެދު މި ކޮމިޝަނުން އިންތިހާ އަށް ކަންބޮޑުވާ ވާހަކަ ދެންނެވީމެވެ،" އެ ބަޔާނުގައިވެ އެވެ.

އޭސީސީން ވަނީ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކުގައި އާންމުންނަށް ދޭންޖެހޭ މައުލޫމާތު ކޮމިޝަނުގެ ރަސްމީ މީޑިއާ އެކައުންޓުތަކުންނާއި ނޫސްތަކަށް ރަސްމީކޮށް މައުލޫމާތު ދީގެން ހިއްސާކުރަމުން ގެންދާނެ ކަމަށް ބުނެފަ އެވެ.

ފްލެޓާއި ގޯތި ލިބޭނެ ކަމަށް ކުރީ ސަރުކާރުން ނިންމައި ގެޒެޓުކޮށްފައިވާ ލިސްޓުގައި ހިމެނޭ އެންމެނަށް ފްލެެޓާއި ގޯތި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު