ދުނިޔެ
ބުއްޓޫގެ އާއިލާއަށް ބޮޑުވަޒީރުކަން ނުދީފިނަމަ އިދިކޮޅަށް އަރަން ޖެހިދާނެ ކަމަށް ބުނެފި
ޕާކިސްތާން - އިސްލާމްއާބާދުގައި ހޯމަދުވަހު ބޭއްވި ޕީޕަލްސް ޕާޓީގެ ސެންޓްރަލް ކައުންސިލްގެ ބައްދަލުވުމުގައި ސަރުކާރު އުފެއްދުމާއި މުސްލިމް ލީގު-އެންއާ އިއްތިހާދު ކުރުމުގެ މައްސަލަ ކޮޅެއްގައި ނުޖެހި އިތުރަށް މަޝްވަރާ ކުރުމަށް ނިންމައިފި އެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި ޕީޕަލްސް ޕާޓީގެ މަރުކަޒީ ކޮމިޓީގެ ގިނަ މެމްބަރުންގެ ޚިޔާލަކީ ބިލާވަލް ބުއްޓޫ އަށް ބޮޑުވަޒީރުކަން ނުދީފިނަމަ ޕީޕަލްސް ޕާޓީ އިދިކޮޅުގައި ހަރަކާތްތެރިވުމަށެވެ. އަދި އިއްތިހާދުގެ ސަރުކާރުގެ ބަޔަކަށް ވުމުން ލިބުނު "ސިޔާސީ ގެއްލުން" މުރާޖައާކޮށް، މައްސަލައިގައި "އަވަސް" ގޮތެއް ނުގެންގުޅުމަށް ލަފާދީފައިވެ އެވެ. އިއްތިހާދުގެ ސަރުކާރު ބަލިކަށިވާނެ ކަމަށާ، ބަލިކަށި ސަރުކާރެއްގެ ބައެއްގެ ގޮތުގައި ތިބުމަށްވުރެ ބާރުގަދަ އިދިކޮޅު ލީޑަރަކަށް ވުން ރަނގަޅުވާނެ ކަމަށްވެސް ލަފާ ދީފައި ވެއެވެ. މަސްދަރުތަކުން ބުނަނީ ސަރުކާރު އުފެއްދުމުގައި ޕީޕަލްސް ޕާޓީއާ މުސްލިމް ލީގާ ދެމެދު ޑެޑްލޮކެއް އުފެދިފައިވާ ކަމަށެވެ.

ޕާކިސްތާން ޕީޕަލްސް ޕާޓީގެ މަރުކަޒީ ކޮމިޓީން ވަނީ އާސިފް އަލީ ޒަރުދާރީ އާއި ބިލާވަލް ބުއްޓޫ ޒަރުދާރީގެ ލީޑަޝިޕަށް އިތުބާރު ކުރާ ކަމަށް ބުނެފަ އެވެ. އަނެއްކޮޅުން އަލަށް އިންތިހާބުވި މިނިވަން މެންބަރުން މުސްލިމް ލީގާ ގުޅުމަށް ފަހު ގައުމީ މަޖިލީހުގައި ޕީއެމްއެލް-އެންގެ މެމްބަރުންގެ އަދަދު ވަނީ 80 އަށް އިތުރުވެފަ އެވެ. ޕީއެމްއެލް-އެން އިން ވަނީ ޕަންޖާބުގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާފަ އެވެ. 

އަނެއްކޮޅުން ބަލާއިރު މިފަހަރުގެ އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބީްެއް ހޯދި ޖަލުގައި ހުންނެވި އިމްރާންޚާންގެ ޕާޓީވެސް ކޯލިޝަނެއް ހަދައިގެން ކުރިޔަށްދާން ނުވިސްނާ ކަމަށް ވަނީ ބުނެފަ އެވެ. 

ޕާކިސްތާން ތަހްރީކް އިންސާފްގެ ލީޑަރު ސަރުދާރު ލަތީފް ޚޯސާ ވިދާޅުވީ ބާކީ ތިބި ޕާޓީތަކުން އިއްތިހާދެއް ހަދައިގެން ސަރުކާރު އެކުލަވާލުމަށް ކަމަށާއި ނަމަވެސް ޕީޓީއައި އިން އެކަމުގައި މަސައްކަތް ނުކުރާ ކަމަށެވެ. ތަހްރީކް އެ އިންސާފަށް 134 ގޮނޑި ލިބިފައިވާ ކަމަށް އެޕާޓީން ބުންޏަސް އިލެކްޝަންގެ މިހާރުގެ ހިސާބުތަކުން ފެންނަނީ 92 ގޮނޑި އެވެ. 

މައްސަލަތައް އިތުރުވެ ބައެއް ފޮށިތަކުގެ ވޯޓު ގުނުން ވަނީ ހުއްޓުވާލާފަ އެވެ. ޕީޓީއައި އިން ބުނަނީ ރޭގަނޑު ދަންވަރު ވޯޓު އޮޅުވާލައި 50 ގޮނޑިން ވައްކަންކޮށްފައިވާ ކަމަށެވެ. "މި އިންތިޚާބު ހިނގާފައިވަނީ އަތާއި ފައި ބަނދެގެން ހަނގުރާމައިގެ މައިދާނަށް.. އަޅުގަނޑުމެންގެ ފަންސާސް ގޮނޑި ވަނީ ވަގަށް ނަގާފައެވެ. ވޯޓަށް އިޙްތިރާމް ކުރަން ބުނާ މީހުން ވޯޓުގެ އިޙްތިރާމް ފުނޑުފުނޑުކޮށްލަނީ." ލަތީފް ޚޯސާ ވިދާޅުވި އެވެ.

އެހެންކަމުން ކޯލިޝަން ހަދަން އުޅޭ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ މި ޚިޔާލުތަފާތުވުމުންތަކުގެ ސަބަބުން އެންމެ ފަހުގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫވެސް އިދިކޮޅުގައި ހަރަކާތްތެރިވާން ޖެހިދާނެ ކަމަށް ބެލެވޭއިރު އޭނާއަކީ ޕާކިސްތާނުގެ މަޝްހޫރު ސިޔާސީ އާއިލާއެއް ކަމަށްވާ ބުއްޓޫ އާއިލާއަށް ނިސްބަތްވާ އަދި ކުރީގެ ބޮޑުވަޒީރު ބެނާޒީރު ބުއްޓޫ އާއި ކުރީގެ ރައީސް އާސިފް އަލީ ޒަރުދާރީގެ ދަރިކަލުން އަދި ކުރީގެ ރައީސް ޒުލްފިގާރު އަލީ ބުއްޓޫގެ ކާފަދަރިކަލުންނެވެ. ބިލާވާލް އަކީ 13 އޮގަސްޓް 2018 އިން ފެށިގެން 10 އޮގަސްޓް 2023 އާ ހަމައަށް ޕާކިސްތާނުގެ ގައުމީ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު