ދުނިޔެ
މޮޅުވި 14 ކެނޑިޑޭޓެއްގެ ވޯޓު ދަށްކޮށް އެމީހުން ބަލިކޮށްލިން: ކޮމިޝަނަރު
ކޮމިޝަނަރު ލިއާކަތު އަލީ ޗައްޓާ
ޕާކިސްތާނުގެ މިފަހަރުގެ އިންތިޚާބުގައި މަކަރު ހަދައި ވޯޓުތައް އޮޅުވާލައި އަދި މޮޅުވި އިދިކޮޅުގެ 14 ކެނޑިޑޭޓެއްގެ ވޯޓުތައް ވޯޓު ފޮށިން ނަގައި ސްޓޭމްޕް ޖެހުމަށްފަހު އެވޯޓުތައް ދަށްކޮށް އެމީހުން އިންތިޚާބުން ބަލިކޮށްލީކަމަށް އިއުތިރާފްވެ ރާވަލްޕިންޑީގެ ކޮމިޝަނަރު އިސްތިއުފާ ދެއްވައިފި އެވެ 

މިއަދު ރާވަލްޕިންޑީ ކްރިކެޓް ސްޓޭޑިއަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ލިއާކަތު އަލީ ޗައްޓާ ވިދާޅުވީ ރަވަލްޕިންޑީ ޑިވިޝަންގައި އިންތިހާބު އޮޅުވާލުމުގެ ޒިންމާ އޭނާ ނަގާ ކަމަށާ އެކަމުގެ އަދަބު އޭނާއަށް ލިބެންޖެހޭ ކަމަށެވެ. އަދި ފުލުހުންނާ ހަވާލުވާން އޭނާ ތައްޔާރާށް ހުރިކަމަށް ވެސް ވިދާޅުވި އެވެ. "އަޅުގަނޑާ އެކު އިލެކްޝަންސް ކޮމިޝަނަރު އަދި އެހެން މީހުންނަށް ވެސް އަދަބު ދޭން ޖެހޭ." އޭނާ އިތުރަށް ވިދާޅުވި އެވެ.

ވޯޓު އޮޅުވާލުމުގައި ކޮމިޝަނަރާއި ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު ވެސް ބައިވެރިވާ ކަމަށް ޗައްޓާ ވިދާޅުވެ އެވެ.

ޕާކިސްތާނުގެ މިފަހަރުގެ އިންތިޚާބު ބޭއްވީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ދަތިކޮށް މޯބައިލް ފޯނުގެ ޚިދުމަތްވެސް މެދުކަނޑާލާފައެވެ. ތަހްރީކް އިންސާފްގެ އިތުރުން ޖަމާޢަތް އިސްލާމީ، ޖޫއައިއެފް، ޕީޕަލްސް ޕާޓީ، އޭއެންޕީ އަދި އެނޫންވެސް އިތުރު ޕާޓީތަކުން ވަނީ އިންތިހާބު އޮޅުވާލި ކަމަށް ބުނެ ނަތީޖާ ގަބޫލުކުރުން ދެކޮޅު ހަދާފަ އެވެ. 

އިމްރާން ޚާންގެ ތަހްރީކް އިންސާފުން މިއަދު މުޅި ޕާކިސްތާނުގައި މިކަމާ ގުޅިގެން މުޒާހަރާ ކުރުމަށް ގޮވާލާފައިވާއިރު، ތަހްރީކް އިންސާފްގެ ތާއީދު އޮތް މިނިވަން ކެންޑިޑޭޓުން ވަނީ ގިނަ ދާއިރާތަކެއްގެ ނަތީޖާ ހުއްޓުވުމަށް ކޯޓުތަކަށްވެސް ގޮސްފަ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓަކު މޮޅުވެފައި އިއްވާ އޭނާގެ ވޯޓުތައް މަދުކޮށް، ބަލިވި ކެންޑިޑޭޓަކު މޮޅުވި ކަމަށް އިއުލާންކޮށްފައި ވަނިކޮށް އެކެންޑިޑޭޓްވަނީ އޭނާގެ ގޮނޑި ދޫކޮށްލާފަ އެވެ. ސަބަބެއް ކަމަށްބުނީ ވޯޓުގައި މަކަރު ހަދައި އޭނާއަށް ނުލިބޭ ވޯޓުތައް ލިބުނުކަމަށް ހަދައި އަދި އަސްލު މޮޅުވި ކެނޑިޑޭޓް ބަލިވީ ކަމަށް އިޢުލާން ކުރުމަކީ އެތައް ބައެއްގެ ހައްގަކަށް އަރައިގަތުން ކަމަށާ އެކަހަލަ ހިތަކަށް މަކަރު ހަދައިގެން ލިބުނު ގޮނޑިއެއް ބޭނުން ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު