ޚަބަރު
ޤައުމަށް ޚިދުމަތް ކުރުން އުފަލަކަށް ހަދަން ޖެހޭ: ނައިބު ރައީސް
ކޮންމެ ދިވެހި ދަރިއަކުވެސް ވަފާތެރިކަމާއި އަމާނާތްތެރިކަމާއެކު ދީނާއި ޤައުމަށް ޚިދުމަތްކުރުމަކީ ލިބޭ އުފަލެއްކަމުގައި ހަދަންޖެހޭ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޝަހީދުންގެ ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ދިވެހި ފަސްގަނޑުގެ ދިފާއުގައި ޖިހާދުކުރެއްވި އެންމެހާ އަބުޠާލުންގެ ޖިހާދުން މުހިންމު ދަރުސްތަކެއް ލިބިގެންދާ ކަމަށާއި އެގޮތުން ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ދީނާއި ޤައުމުގެ މަސްލަހަތު އިސްކުރުމާއި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުޑަކޮށްވެސް ފަހަތަށް ނުޖެހުން ފަދަ ދަރުސްތައް ލިބިގެންދާ ކަމަށެވެ.

އަލިރަސްގެފާނުގެ ޖިހާދުގެ ޢިބުރަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޝަހީދުންގެ ދުވަހު ދެއްވި ޚިޠާބަކީ ކިޔަވާކުދިންގެ ހިތްތަކުގައި ބިންވަޅު ނެގޭނެފަދައިން އުގަންނައިދޭންޖެހޭ ފިލާވަޅުތަކެއް ހިމެނޭ ޤައުމީ ޚިޠާބެއް ކަމަށް ވިދާޅުވި އެވެ. އަދި ޝަހީދުންގެ ދުވަހަށް ދޭންޖެހޭ ޚާއްސަ ދަރަޖަ ދެއްވައިގެން ޤައުމީ ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަކުރައްވަން އަލުން ފެއްޓެވިކަމަށްޓަކައި ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހި ތާރީހުގައި ރަން އަކުރުން ފެވިފައިވާ އަލިރަސްގެފާނުގެ ގުރުބާނީއަކީ ތާއަބަދަށް ހަނދާން ކުރަންޖެހޭ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި އެއީ ދިވެހި ގައުމާއި، އިސްލާމީ ވަހުދަތު ހިމާޔަތްކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ނައިބު ރައީސްގެ އަނބިކަނބަލުން އައިޝަތު އަފްރީން މުހައްމަދުގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންނާއި ރާއްޖެއިން ބޭރުގެ ބައެއް ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު