ޚަބަރު
ތެލަސީމިއާ ބަލީގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް މާލެ ސަރަހައްދަށް އަންނާނެ: ނައިބު ރައީސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ލަސްތަކެއް ނުވެ ވަރަށް އަވަހަށް ތެލަސީމިއާ ކުދިންގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ގާއިމުކުރައްވާނެ ކަމުގައި ރައީސްގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތިން ވަނަ ޤައުމީ ތެލެސީމިއާ ކޮންފަރެންސް ފާހަގަކުރުމަށް ޝީ ބިލްޑިންގގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، އެ ހޮސްޕިޓަލް އިމާރާތްކުރުމަށް މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ހަމަޖައްސަވައި ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް ވީ އެންމެ އަވަހަށް ފެށުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.

މި ސަރުކާރުން ތެލެސީމިއާ ކުދިންނަށް ޚާއްސަ އިސްކަމެއްދެއްވައިގެން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ރައީސްގެ ނައިބު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ މަސައްކަތްތަކުގެ ތެރޭގައިވެސް ތެލަސީމިއާ ކުދިންނަށް ޚާއްސަ އިސްކަމެއްދެއްވައި އެކުދިންނަށް ބޭނުންވާ ބޭހާއި ފަރުވާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ސަރުކާރުގެ ޚަރަދުގައި ހިލޭ ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަން މިހާރު ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

އަދި ތެލަސީމިއާއަށް ފަރުވާ ހޯދާ ވީހާވެސް ގިނަ ކުދިންނާއި މީހުންނަށް މި ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ތެލަސީމިއާއަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިޖަލްސާގައި ނައިބް ރައީސް ވަނީ ތެލަސީމިއާ ކުދިންގެ ހިތްވަރަށް ސާބަސް ދެއްވާފަ އެވެ. އަދި ތެލަސީމިއާ ކުދިންނަށް މި ސަރުކާރުން ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ސަރުކާރުގެ ވުޒާރާތަކުން އެކި ގޮތްގޮތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.



މި ޖަލްސާގައި ރައީސްގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދުގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު