ޚަބަރު
ގުޅީފަޅު ހިއްކުން ހުއްޓުވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރު، ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އާންމު ފަރާތަކުން މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ މައްސަލަ ނިމެންދެން މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.

ހައި ކޯޓުން ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހުކުމް ކުރީ އާންމު މީހަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ މަސައްކަތް މަޑުޖައްސާލަން ވަގުތީ އަމުރަކަށް އެދުމުން އެ އަމުރު ނެރެނުދިނުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ. އެގޮތުން، ސިވިލް ކޯޓުގައި އޮތް މައްސަލަ އެއްކޮށް ނިމެންދެން ބިން ހިއްކުމުގެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް މަޑުޖައްސާލަން ވަނީ ހުކުމްކޮށްފަ އެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާއިރު އީއައޭގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް އަމަލުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބޭނެކަން އެނގޭއިރު އެކަންކަން ނަފީކުރާނެ ހެއްކެއް ދައުލަތުން ދައްކާފައިނުވާ ކަމަށެވެ. އެފަދަ ހާލަތުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި ވަގުތީ އަމުރު ނުނެރެފިނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށްވެސް އިއާދަނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށްވެސް އަމުރުގައިވެ އެވެ.

މީގެ އިތުރުން މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑުކަމަށްވެސް ހައިކޯޓުގައި އަމުރުގައިވެ އެވެ. 

މިއީ ތިމާވެއްޓަށް ގެއްލުން ވާތީ ރާއްޖޭގައި ހިންގަމުން ދިޔަ ބިޔަ މަޝްރޫއެއް ކޯޓަކުން ހުއްޓުވި ފުރަތަމަ ފަހަރެވެ.

މި މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ މަސައްކަތް ހުއްޓުވާފައި އޮންނަ ކޮންމެ ދުވަހަކަށް ސަރުކާރުން ބިން ހިއްކާ ކުންފުންޏަށް ތިން ލައްކަ ޑޮލަރު (4.6 މިލިއަން ރުފިޔާ) ދައްކަން ޖެހޭނެ ކަމަށެވެ.

ގުޅީފަޅުން ޖުމްލަ 150 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު މިހާތަނަށް 100 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފަ އެވެ.

އެ އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކަށަވަރުކޮށް ދެއްވި އެވެ. އަދި ހައި ކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު