މަރިޔަމް އަނާ
25 ފެބުރުއަރީ 2024 - 08:46
0 comments
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ އިހަވަންދޫ ސުކޫލުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ، މިހާރު ފަށާފައިހުރި މަޝްރޫޢުތަކަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ހިއްސާކުރައްވާފައެވެ. އަދި ޞިއްޙީ މަރުކަޒަށް ބޭނުންވާ ކަންކަމާއި، ރަށުގެ ބަނދަރު ބޮޑުކުރުމަށް ބޭނުންވާކަމަށާއި، ޒުވާނުންނަށް ބޭނުންވާ ކަންކަމާއި، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރަން ބޭނުންވާ ކަންކަން ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވި އެވެ.
މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ ބަޖެޓުގެ މައްސަލަ ކުރިމަތިވާކަން ފާހަގަ ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވެއެވެ. އެ ގޮތުން ރަށްތަކުގެ ކައުންސިލްތަކުން އެ މަނިކުފާނާ ބައްދަލު ކުރެއްވުމަށް އައުމުގެ ބަދަލުގައި، ރަށްތަކަށް ވަޑައިގެން ކައުންސިލްތަކާ ރައީސް ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.އެ ގޮތުން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އަތޮޅުތަކަށް ފުރަތަމަ ފެށްޓެވި ދަތުރުފުޅުގެ ތެރޭގައި އެ މަނިކުފާނު ވަނީ ރޯދައިގެ ކުރިޔަށް އޮތް މަދު ދުވަސްކޮޅު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަކާ ބައްދަލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.އެ ގޮތުން އެ މަނިކުފާނު ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ އަތޮޅުގެ ހުރިހާ ކައުންސިލަތަކާ ބައްދަލު ކުރައްވާފައެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. ގެ ހުރިހާ ކައުންސިލަކާ ވެސް ބައްދަލު ކުރައްވާފައެވެ.ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.