ޚަބަރު
އަންހެނުން ކޮމިޓީގެ މެންބަރުންނަށް ދޭ މުސާރަ ބޮޑުކުރަން ތާއީދު: ރައީސް
އެހެން މުވައްޒަފުންނެކޭ ވެސް އެއްފަދައިން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އެލަވަންސެއްގެ ބަދަލުގައި މުސާރައާ އިނާޔަތްތައް ފޯރުކޮށްދެއްވާނެ ކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އަތޮޅުތަކަށް އެ މަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ފުނަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި ދެނީ ފިކްސްޑް އެލޮވެންސްގެ ގޮތުގައި ލިބޭ އަދަދަކާއި ސިޓިން އެލޮވެންސްގެ ގޮތުގައި ކޮންމެ މަހަކުު އެ ލިބޭ އަދަދެކެވެ. ފިކްްސްޑް އެލޮވެންސްގެ ގޮތުގައި ކޮމިޓީގެ ކޮންމެ މެންބަރަކަށް އެއްވެސް އުނިއިތުރަކާ ނުލައި އެ އަދަދު ލިބެއެވެ. އެހެން ނަމަވެސް އެ މެންބަރަކު ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް ސިޓިން އެލޮވެންސްގެ ގޮތުގައި އަދަދެއް ދޭއިރު، އެ އެލޮވެންސް ކޮންމެ މަހަކު ވެސް ދެނީ ގިނަވެގެން ހަތަރު ބައްދަލުވުމަށެވެ. އެހެންކަމުން މިހާރު އެ ކޮމެޓީތަކުގެ މެންބަރުންނަށް މަހަކު 6،000 ވަރަކަށް ރުފިޔާ ލިބެއެވެ.

ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ދިމާވެފައި އޮތް މައްސަލައަށް ހައްލެއް ގެނެސްދޭން ބޭނުންވާ ކަމަށެވެ. އެމީހުންނަށް ވަކި ބަޖެޓަކުން މުސާރަ ދިނުމަކީ ތާއީދު ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އެއީ ދޭ އެލަވަންސް މުސާރައަކަށް ބަދަލުކޮށް، ޗުއްޓީއާ، މުވައްޒަފުންނަށް ދޭންޖެހޭ އިނާޔަތްތައް ދިނުން، ގާނޫނުން ގެނެވޭނެ ބަދަލެއް، ރޯދަމަހުގެ އެލަވަންސް ލިބުމާ އަދި އެލިބޭ ފައިސާ، އެލިބޭ ފަސް ޕަސެންޓަކީ ތަރައްގީގެ މަސައްކަތްތަކާ ހަރާކާތްތައް ހިންގަން ހާއްސަ ކުރެވޭ އެއްޗަކަށް ހަދައިދީ، މުސާރަ އެއީ އޭގެއިން ދޭ އެއްޗަކަށް ނަހަދާ، މުސާރައަކީ ވަކިން ބަޖެޓަކުން ދޭ އެއްޗެއްގެ ގޮތުގައި ހަދަން އަޅުގަނޑު ތާއީދު،" ރައީސް ވިދާޅުވި އެވެ.

އެހެނަސް، އެކަން ވާނީ ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހެއް ލިބިގެން ކަމަށް ރައީސް ވިދާޅުވި އެވެ. ސަބަބަކީ އެގޮތަށް ބަދަލު ކުރެވޭނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް ވާތީ އެވެ.

ގާނޫނަށް ބަދަލު ގެނައުމާއެކު ހަގީގީ މާނައިގައި އެ ކޮމެޓީތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ވަރަށް ފަސޭހަ ވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ހާއްސަ ގޮތެއްގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ބޭނުންވާ މުހިންމު ގާނޫނުތަކެއް ފާސްކުރަން އެބަހުރި ކަން ރައީސް ފާހަގަކުރެއްވި އެވެ. 

ރައީސް މިހާރު އަތޮޅަތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެ މަނިކުފާނު ގެންދަވަނީ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވަމުންނެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު