ޚަބަރު
މަސްވެރިންނަށް ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް، ރޯދަ މަސް އައުމުގެ ކުރިން ދެނީ
މަސްވެރިންތަކެއް މަސް އޮނޑިއެއްގައި
މަސްވެރިކަމުގެ ސިނާއަތަކީ މި ސަރުކާރުން ފުޅާކުރުމަށް އެންމެ ބޭނުންވާ އެއް ސިނާއަތްކަން ފާހަގަކުރައްވައި، މަސްވެރިންނަށް ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް، ރޯދަ މަސް އައުމުގެ ކުރިން ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުވާފަރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިންނަށް ދޭންވާ ފައިސާ ދެއްވުމަށްފަހު (ބެކް ލޮގް ސާފުކުރުމަށްފަހު) ދެން ބައްލަވާނީ، މަސްވެރިންނަށް ދޭންވާ ފައިސާ ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޓެކްސް ބޭސް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ނުހެދި ހުރި ރިސޯޓްތައް ހަދައި، ފަތުރުވެރިކަމުގެ ސިނާޢަތަށް އިންވެސްޓަރުން އިތުރުކޮށް، ފަތުރުވެރިކަން ފުޅާވުމުން ޓީ.ޖީ.އެސް.ޓީ އިތުރުވެ، ޓެކްސް ބޭސް ފުޅާވެގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ކުރައްވާނީ ރައްޔިތުންގެ ވެރިކަމެއްކަމަށެވެ. އެގޮތުން ވަރަށް ގިނަ ރައްޔިތުންނާއި، ކައުންސިލްތަކުން ފާހަގަކުރާ ރަށު ޕިކަޕަކީ، ވަރަށް ގިނަ ފަސޭހަތަކެއް ލިބޭ ދުއްވާ އެއްޗެއްކަމުގައި ފާހަގަކުރައްވައި، މި އަންނަ މަހުން ފެށިގެން ރަށު ޕިކަޕުން ނަގާ ފީ އެއްކޮށް އުވާލާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި ކަމުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަތަކެއް ލިބި އިންޖީނުލީ އުޅަނދުގެ ބަދަލުގައި ތިމާވެއްޓާ ރަށްޓެހި، އުޅަނދު ބޭނުންކުރުމަށް މަގިފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ދުވާފަރަކީ، ރައީސް މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ހަތަރުވަނަ މަންޒިލެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު